2018 ވަނަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ބޮލީވުޑްގެ ފިލްމު "އަންދާދުން" ގެ ތެލުގޫ ރިމޭކެއް އުފެއްދުމަށް ތައްޔާރު ވެއްޖެއެވެ.
ރިމޭކް ފިލްމުގެ ޕޯސްޓަރ މިއަދު ބެލުންތެރިންނާ ހިއްސާ ކޮށްފައިވާއިރު މިފިލްމުގެ ތެލުގޫ ރިމޭކްއިން ފެނިގެންދަނީ ގިނަ ތަމަޅަ ފިލްމުތައް ކުޅެފައިވާ ޒުވާން އެކްޓަރު ނިތިން ރެޑީއެވެ.
އެކްޓަރު ނިތިންގެ އުފަންދުވަހާ ގުޅުވައިގެން އޭނާގެ ފޭނުންނަށް ހަދިޔާކޮށްފައި ޕޯސްޓަރުގައި ނިތިން ފެންނަނީ ހިންދީ ފިލްމު "އަންދާދުން" އެކޭ އެއްގޮތަށް އަވިއައިނެއް އަޅައިގެން ހުންނަ މީހަކު ޕިއާނޯއިން މިއުޒިކް ކުޅެން އިންނަތަނެވެ.
"މެސްތްރޯ" ގެ ނަމުން ފިލްމަށް ނަން ދެވިފައިވާއިރު އެކްޓަރު ނިތިންގެ ފޭނުން މިހާރު އެންމެބޮޑަށް އިންތިޒާރުކުރަނީ މިފިލްމުގެ ޓެރއިލަރ ނޫނީ ޓީޒާ ރިލީޒްކުރާނެ ދުވަހަކަށެވެ.
ނިތިން މިފިލްމުގައި ފެނިގެންދާނީ އަސްލު ފިލްމުގައި އެކްޓަރު އަޔުޝްމާން ކުރާނާ ފެނިގެންދިޔަ ރޯލުންނެވެ.
ފިލްމުގައި ބަތަލާ ތާބޫ ކުޅެފައިވާ ރޯލުން ފެނިގެންދާނީ ކާމިޔާބު ބަތަލާ ތަމަންނާ ބާޓިއާއެވެ.
ބަތަލާ ރާދިކާ އަޕްތޭގެ ރޯލްއިން ފެނިގެންދާނީ ތެލުގޫ ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ނަބްހާ ނަތޭޝްއެވެ.
މިފިލްމު ރިލީޒްކުރާނެ ތާރީޚެއްގެގޮތުގައި މިއަހަރުގެ ޖޫންމަހުގެ 11 ވަނަ ދުވަސް ހަމަޖެހިފައިވާއިރު ފިލްމުގެ ޝޫޓިންގް އެއްކޮށް ނިންމާލުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ހައިދަރްއާބާދުގައި ކުރިއަށްދާ ޝެޑިއުލްއާ އެކީގައެވެ.
ފިލްމު "އަންދާދުން" އަކީ ޕިއާނޯ ކުޅުންތެރިޔަކު އަމިއްލައަށް ލޯފަން މީހެއްކަމަށް ހެދިގެން އުޅެނިކޮށް ފިލްމުގެ ސްޓޯރީގެތެރެއިން ދިމާވާ ނުރައްކާތެރި ހާދިސާއެއްގެ ހެއްކެއްކަމަށް ބަޔަކަށް ގަބޫލުކުރެވި އޭނާއަށް ދިމާވާ އެކިކަހަލަ ހާދިސާތަކުގެ މައްޗަށެވެ.
މީގެ ހިންދީ ވާޝަންއިން ފެނިގެންދަނީ ހުނަރުވެރި އެކްޓަރު އަޔުޝްމާން ކުރާނާއެވެ.
2018 ވަނަ އަހަރު ރިލީޒްކުރެވު މިފިލްމަކީ އެއަހަރު ރިލީޒްކުރި ފިލމުތަކުގެ ތެރެއިން ވިޔަފާރީގެ ގޮތުންވެސް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.
ހަމައެއާއެކު ފިލްމު ކްރިޓިކުންވެސް މިފިލްމުގެ ސްޓޯރީއާ އެއްވަރަށް ފިލްމުގެ ކާސްޓުން ފިލްމުގައި ދައްކުވައިދީފައިވާ މޮޅު އެކްޓިންގްއަށް ވަރަށް ބޮޑަށްވަނީ ތައުރީފު ކޮށްފައެވެ. ނަމަވެސް އުފެދޭ ސުވާލަކީ ހިންދީ ފިލްމާ އެއްވަރަށް ތެލުގޫ ރިމޭކް "މެސްތްރޯ" އަށް ވާދަކުރެވޭނެތޯ ނުވަތަ ނޫންތޯއެވެ.