ކުރީގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ ހަގު ދަރިފުޅު ރަޖީވް ޑިއޯލް ބޮލީވުޑަށް ލޯންޗްކުރިތާ މާގިނަ ދުވަހެއްނުވެ އޭނާގެ ފުރަތަމަ ފިލްމަށް ސޮއިކޮށްފިއެވެ.

ޚަބަރު ލިބޭގޮތުގައި ރަޖީވް ޑިއޯލް ސޮއިކޮށްފައިވަނީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ސޫރަޖް ބަރްޖަތްޔާގެ ދަރިފުޅު އަވީނާޝް ބަރްޖަތްޔާ އުފައްދާ ފިލްމަކަށެވެ.

މިފިލްމަކީ، ކާމިޔާބު ޑައިރެކްޓަރު އަޔާން މުކަރްޖީގެ ފިލްމު "ޔޭ ޖަވާނީހޭ ދިވާނީ" އާ ދާދި އެއްގޮތަކަށް އުފައްދާ ރޮމޭންޓިކް ކޮމެޑީއެކެވެ.

ފިލްމުގައި ފެންނާނެ ލީޑީން ބަތަލާއަކާ ބެހޭގޮތުން އަދި އެއްވެސް ފަރާތަކުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު އިންޑިއާގެ މީޑިއާއިން ލަފާކުރަނީ މިފިލްމުގައި އަންހެން ބަތަލާއެއްގެ ގޮތުގައި ފެނިގެންދާނީ ސަލްމާން ޚާންއަށް ބޮޑުބޭބެ ކިޔާ އަލިޒޭ ޚާން އަގްނިހޯތްރީ ކަމަށެވެ.

އަލިޒޭއަކީ، ސަލްމާން ޚާންގެ ކޮއްކޮ އަލްވިރާ ޚާންއާއި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތްރީއާ ދެމީހުންގެ ދަރިއެކެވެ.

މީގެކުރިންވެސް އަލިޒީ ފިލްމީ ދާއިރާއަށް ވަރަށް އަވަހަށް ތައާރަފް ކުރާނެކަމަށް މީޑިއާގައިވަނީ ބުނެފައެވެ. އެހެންނަމަވެސް ސަލްމާންގެ އާއިލާގެ ފަރާތުން މިކަން ރަސްމީކޮށް އިއުލާނު ކޮށްފައެއް ނުވެއެވެ.

ރަޖީވް ޑިއޯލްއާއެކު އަލިޒީ މިފިލްމަށް ސޮއިކޮށްފިނަމަ މިދެ ތަރިން ވެގެންދާނީ ވަރުގަދަ ފިލްމީ ބެކްގްރައުންޑަކާއެކު މިއަހަރު ފިލްމީ ދާއިރާއާއި ގުޅޭނެ އެންމެ އުއްމީދީ ދެ ފަންނާނުންނަށެވެ.

ސޫރަޖްގެ ދަރިފުޅު އަވީނާޝްގެ ފުރަތަމަ ޑައިރެކްޝަނަލް ފިލްމަށް މިފިލްމު ވާއިރު ފިލްމު ގެނެސްދެނީ ސޫރަޖްގެ އާއިލީ ޕްރޮޑަކްޝަން ރާޖްޝްރީ ފިލްމްސް ޕްރޮޑަކްޝަންއިންނެވެ.

ރާޖީވް ޑިއޯލް ފިލްމަށް ސޮއިކުރިކަން އޭނާ ވަނީ ސޯޝަލް މީޑީއާ މެދުވެރިކޮށް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.

ސަނީގެ ހަގު ދަރިފުޅު ހިންދީ ސިނަމާއާ ގުޅިފައިވާއިރު ދޮށީ ދަރިފުޅު ކަރަން ޑިއޯލްވެސްވަނީ 2019 ވަނަ އަހަރު ފިލްމީ ދުނިޔެއާ ގުޅިފައެވެ.

ކަރަން ޑިއޯލް ފިލްމީ ދާއިރާއަށް ތަޢާރަފްވެފައިވަނީ ފިލްމު "ޕަލް ޕަލް ދިލްކޭ ޕާސް" އިންނެވެ.

ޚުދު ސަނީ ޑިއޯލް އަމިއްލައަށް ޑައިރެކްޓްކުރި އެފިލްމަށްފަހު ކަރަން ޑިއޯލްގެ އިތުރު ފިލްމެއް އަދި ރިލީޒްވެފައެއް ނެތެވެ.