އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ "ސިންގަލް ޔޫސް ޕްލާސްޓިކް" ބޭނުން ކުރުން ހުއްޓާލުމާއި، ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް ޕޭޕާލެސް ޓްރާންސިޝަން ސްޓެލްކޯއިން އިފްތިތާހުކޮށްފިއެވެ.

މި ދެ ކަންތައްވެސް މިއަދު އިފްތިތާހުކޮށްދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ގާސިމް އަބުދުލް ކަރީމެވެ.

ސްޓެލްކޯއިން ބުނީ މި ދެ ކަންތައް އިފްތިތާހުކުރެވުމާއެކު އެ ކުންފުނިން ހިންގަމުން ގެންދާ 35 އިންޖީނުގެއަކީ ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާތަންތަނަށް ވެގެންދާނެ ކަމަށެވެ. އެ ކުންފުނީގެ ގްރީން ލައިފް އިނީޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތުގައި މުވައްޒަފުން ބައިވެރިކުރުމަށް ކުންފުނީގެ ކޮންމެ މުވައްޒަފަކަށް ވެސް ރީ-ޔޫސަބަލް ފެންފުޅިއާއި، ފޮތި ދަބަސްވެސް ވަނި ހަވާލު ކޮށްފައެވެ.

މީގެ އިތުރުން އެ ކުންފުނީގެ ހެޑް އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓްތަކާއި ހުރިހާ ފްލޯރތަކެއްގައި ވޯޓަރ ޑިސްޕެންސަރ ނުވަތަ ބޯފެން ފުޅިއަށް އަޅައިގެން ބޭނުންކުރެވޭނެ އިންތިޒާމްތައްވެސް ސްޓެލްކޯއިން ވަނީ ހަމަޖައްސާދީފައެވެ. އެ ކުންފުނީގެ ވިޔަފާރި ހިދުމަތްތަކުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދިނުމުގެ އިތުރުން، ޚިދުމަތް ހޯދަން ދާ ފަރާތްތަކުންވެސް ތިމާވެއްޓަށް ގެއްލުންދޭ ތަކެތި ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، އިމާރާތުގެ ތެރެއަށް ވެއްދުން މަނާ ކުރެވޭ ތަކެތި، އެތެރެއަށް ވަންނައިރު ބަހައްޓަވާލެއްވޭނެ އިންތިޒާމް ވެސް ސްޓެލްކޯގައި މިހާރު ވަނީ ގާއިމް ކޮށްފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، މިއަދު މި ފެށި ފެހި ދިރިއުޅުން ޕްރޮގްރާމްގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދުމާއި ތިމާވެއްޓަށް ގެއްލުންދެނިވި ތަކެއްޗަށް ނޫނެކޭ ބުނުން ވެގެންދާނީ ސްޓެލްކޯގެ ހިދުމަތުގެ ދިގު ތާރީހުގައި ގިރާކުރި މުހިންމު ހަރުފަތަކަށް ކަމަށެވެ.

އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ ސިންގަލް ޔޫސް ޕްލާސްޓިކް އެކީ އެއްފަހަރާ މުޅި ކުންފުނީގައި ފުޅާ ދާއިރާއެއްގައި ތަންފީޒު ކުރުވާ މިފަދަ ޕްރޮގްރާމެއް ފަށައިގަންނަ ފުރަތަމަ ކުންފުންޏަކަށް މިކުންފުނި ވެގެން ދާނެ. ހިސާބުތައް ދައްކާގޮތުން މަހެއްގެ މައްޗަށް މިކުންފުނީގެ ބޭނުންތަކަށް 2800 ފެންފުޅި ގަނެ ބޭނުން ކުރޭ. މިއީ އަހަރަކަށް ބަލާނަމަ، 33 ހާސް ފުޅި ފެން ތިމާވެއްޓަށް ގެންލުންދޭ ގޮތުގައި ނައްތާލާ. މިކަން ތަކުރާރުކޮށް ކޮށް ތިބެން އެހާ ފަސޭހައެއްނޫން
ހަސަން މުޣުނީ

މީގެ އިތުރުން ޒަމާނުއްސުރެ ތިމާވެއްޓާ އެހާ ރައްޓިހި ނޫން ގޮތަކަށް ކަންކަން ރޭވި ހިނގަމުންދާ ގޮތަކަށް އޮންނަ ކުންފުނި މިއަދުގެ ފަހުން ތިމާވެއްޓާ ރައްޓެހި ނަމޫނާ ކުންފުންޏެއްގެ ގޮތުގައި މުޖުތަމައު ދެކިގެންދާނެ ކަމަށާއި، އަދި މިކަން ތައާރަފް މިކުރެވެނީ "ފެހި ދިރިއުޅުން" ޕްރޮގްރާމްގެ ތެރެއިން ކަމަށްވެސް މުޣުނީ ފާހަގަކުރެއްވިއެވެ.

ޒަމާނުއްސުރެއް ކަރުދާސް ޕްރިންޓްކޮށްގެން ބޭނުން ކުރަމުން ދިޔަ ދިޔުން މިއަދު އިފްތިތާހު ކުރެވޭ ޕްރޮގްރާމްގެ ދަށުން މަދުވެ ޚަރަދު ކުޑަވެގެންދާނެ ކަމަށާއި، މިހާރު ބޭނުންކުރާ ކަރުދާހުގެ ނިސްބަތް 52 އިންސައްތައަށް މިހިނގާ 2021 ވަނަ އަހަރު ނިމޭއިރު ކުޑަކުރެވިގެންދާނެ ކަމަށާއި، މަސައްކަތްވެސް އަވަސްވެގެންދާނެ ކަމަށް މުޣުނީ ވިދާޅުވިއެވެ.