''ފެންމީރުވި ރީތިރަށޭމީ ރޫހުވަނީ ތިނަދޫގައޭ'' މިލަވަ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކޮންމެ ފަހަރަކު ގުމްރީ ނެތުމުން ކުރެވޭ ފުން އިހްސާސްތައް އަހަރެންނަށް ކުރުވައެވެ. އެއީ އަހަރެންގެ މަލެއްފަދަ އެ ގުމްރީއަށް އެންމެ ރީތި ލަވައެވެ. އަހަރެންނަކީ ފެންމީރުވި އެ ހިތްގައިމު ތިނަދުއަށް އުފަން ޒުވާން ހިތެއްގެ ވެރިއެކެވެ. ގުމްރީ އަކީވެސް ތިނަދޫ އަށް އުފަން ފެންމީރު ކުރި ރުކެކެވެ. ގެވެށި އަންހެނެކެވެ. މުރާލިކަމާއި ހިތްހެޔޮކަމުގެ ލާމަސީލު މިސާލެކެވެ. ނަމަވެސް މިއަދު އެ ގުމްރީ ވަނީ އަހަރެންގެ އަތުން ބީވެފައެވެ. އެއީ އަހަރެންނަށް އެޅުނު ޅަ އެއްޗެކެވެ. އަހަރެންގެ ހިތަށް ވެރިވި ރުޅިވެރިކަމާއި ވަސްވާސްތަކަކުންނެވެ. ދިރިއުޅުމުގައި ގުމްރީއަކީ ހަމަ ރަން މުތެކެވެ. ނަމަވެސް އެރަން މުތް އަހަރެންގެ އަތުން މިއަދު މިވަނީ ފަސްއަޅާ ފޮރުވާލާފައެވެ. އަހަރެމެން ދެމަފިރިންނަށް ލިބިފައިވާ އެތުއްތު މަޢުޞޫމް ދަރިފުޅު މިއަދު މިވަނީ މަންމައެއްގެ ލޯބިން މަޙްރޫމް ވެފައެވެ. އެއީވެސް އަހަރެންގެ ކުށެވެ.

އެކުވެރިންނެވެ. އަހަރެން މިކިޔައިދެނީ އަހަރެން ދިރިއުޅުމުގެ ވާހަކައެވެ. ދިރިއުޅުމަކީ ކިހާ މުހިންމު އެއްޗެއްކަން މިއަދު މިވަނީ އަހަރެންނަށް ވިސްނިފައެވެ. މަޔަކު ދަރިއަކަށްޓަކައި އުފުލާ ވޭނާއި ތަކްލީފްތައް މިއަދު މިވަނީ އަހަރެންނަށް އުގެނި ދަސްވެފައެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. މިދުވަސް އައިއިރު ގުމްރީ މިއަދު އެވަނީ ހަނަފަސް ސަހަރާއެއްގެ ތެރޭގައި ކަފުންކޮށް ވަޅުލެވިފައެވެ. އެފަކީރުގެ ހިތަށް ކެތް ނުކުރެވިގެންނެވެ. އަހަރެން މިއީ ކިހާ ނުލަފާ މީހެއް ހެއްޔެވެ. އަހަރެންގެ މާޒީގެ ޞޮފްހާތަށް އަހަރެންގެ އަމިއްލަ ދުލުން މިއަދު ތިޔަ އެކުވެރިންނާ މިހިއްޞާކޮށްލަނީ މަރުވެފައިވާ ހިތަކައިގެންނެވެ.

އެއީ މީލާދީން 1995 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 27 ވީ ހޮނިހިރު ދުވަހެވެ. އޭރު އަހަރެންނަކީވެސް އަންހެން ކުދިންގެ ހިތްކަތިލާފަދަ ނިކަން ދޯޅަ ފަހުލަވާނެކެވެ. ޅަނދޮޅު ފިރިހެން ކުއްޖެއްގެ ގައިގައި ހުންނަ ހުރިހާ ސިފަތަކެއް އަހަރެންނަށް ލިބިގެން ވިއެވެ. އަހަރެންގެ ޒުވާންކަމުގެ ބައްތީގެ ހުޅުކޮޅު މިއަދު ނިއްވާލެވުނީވެސް ހުދު އަހަރެންގެ ދެއަތުންނެވެ.

އެއީ ރަންގު ލޯބީގެ ދުވަސްވަރެވެ. ރަށުގެ ޒުވާންފުރައިގެ ހުރިހާ އަންހެން ކުދިންވެސް މަށަށް މަށަށް ކިޔާލަ ކިޔާލަ އެތިބެނީ އަހަރެންގެ ސުމާޓްކަމާއި ފިރިހެންވަންތަ ކަމުންކަން އަހަރެންނަށް ޤަބޫލުކުރެވެއެވެ. އަހަރެންގެ އާއިލާއަކީ މުޅި ތިނަދުއަށްވެސް މަޝްހޫރު އާއިލާއެކެވެ. ރަށުގެ މުއްސަނދި ގަދަރުވެރި އާއިލާއެކެވެ. އަހަރެންގެ މައިންބަފައިންވެސް ބޭނުންވަނީ އަހަރެމެންގެ އާއިލާފަދަ ގަދަރުވެރި އާއއިލާއެއްގެ ކުއްޖަކާއިއެކު އަހަރެންގެ ދިރިއުޅުން އާރާސްތުކުރުމަށެވެ.

ނަމަވެސް ރަށުގައި އުޅޭ ގިނަ މުއްސަނދިންގެ ކުދިންނަކީ ދިރިއުޅުމުގެ ރިވެތި ވައްޓަފާޅި ހުންނަ ކުދިންނެއް ނޫނެވެ. ފުށާއި އޭތި މީތި އުނގުޅައި މޭކަޕްކޮށް ގައިގެ ކުލަ ދޮންވެފައި ހުއްޓަސް އެކުދިންނެކޭ ޅޮހެކޭ އެއްފަދައެވެ. ދިރިއުޅުމުގެ އެއްވެސް ތަޖްރިބާއެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް އެކުދިން ކިތަންމެ ވަރަކަށްވެސް އަހަރެންނާއި ރައްޓެހިވާން ބޭނުންވެއެވެ. އެކަމަކު އަހަރެން އަބަދުވެސް ލޯބި ކުރަނީ ގެވެށި ދިރިއުޅުމަށެވެ. މުރާލިކަމާއި ހިތްހެޔޮ ކަމަށެވެ. އަހަރެން އިންތިޒާރު ކުރަމުންދިޔައީ މިފަދަ ކުއްޖަކު އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ވާނެ ދުވަހަކަށެވެ. އަހަރެންގެ ބަސް ޤަބޫލުކުރާ ސާދާ ދިރިއުޅުމެއް އުޅެމުންދާ ޒުވާން އަންހެން ކުއްޖަކަށެވެ. ވިދާހާ ކޮންމެ އެއްޗަކީ ރަނެއް ނޫންކަން އޭރުވެސް އަހަރެން އައީ ޤަބޫލުކުރަމުންނެވެ. ނަމަވެސް އެއިން ކުއްޖަކާއި އަނގައިން ބުނެ ހީލާ ވާހަކަ ދެއްކިޔަސް އެއިން އެއްވެސް ކުއްޖެއްގެ ހިތުގެ ބައިވެރިއަކަށް ވާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އެކުދިންނަށް އަހަރެންގެ މިޒާޖު އެނގެއެވެ.

އަހަރެންނަކީ މާސަކަ މިޒާޖެއްގެ މީހެއް ނޫނެވެ. ފެންނަ ކޮންމެ އެއްޗަކަށް އަހަރެންގެ ހިތެއް ނޭދެއެވެ. ނަމަވެސް ކުރަން ބޭނުން ކަމެއް ނުކުރެވިއްޖެނަމަ އަހަރެންނަށް އިންތިހާއަށް ރުޅި އާދެވެއެވެ. އަހަރެންނަކީ ކޫސަނި ރުޅި އަންނަ މީހެއްކަން އަހަރެންގެ ގިނަ ރައްޓެހިން ބުނެއެވެ. ނަމަވެސް އެކަން އަހަރެންނަކަށް ނުހުއްޓުނެވެ. އެއީ އަހަރެންގެ ކަށީގައި ހިފާފައި ހުރި ކަމެކެވެ.

މިގޮތުގައި އިރުއަރާ އޮއްސި ދުވަސްތައް މާޒީވަމުން ދެއެވެ. އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އަހަރެން ރަށުތެރޭގައި ބުރެއް ޖަހާލަން ސައިކަލުގައި ނިކުތީމެވެ. ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުން އެވަގުތަކީ އާއްމުކޮށް އަހަރެން ބޭރަށް ނިކުމެ އުޅޭ ވަގުތެއްވެސް ނޫނެވެ. އަދި އަހަރެންނަކީ ރަށު އޮފީހުގައި މަސައްކަތްކުރާ މުވައްޒަފެކެވެ.

ސަރުކާރު ބަންދު ދުވަސްދުވަހު ހެނދުނު ނިދާފައި އޮތުމަކީ އަހަރެންގެ އާދައެއް ނޫނެވެ. ހޭލައިގެން ކޮންމެވެސް ކަހަލަ ކޮމްޕިއުޓަރ ގޭމް އެއް ކުޅުމަކީ އަހަރެންގެ އާދައެކެވެ. ނަމަވެސް ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުން ހެނދުނު ބޭރަށް ނުކުމެލާ ބުރެއް ޖަހާލުމަށް އަހަރެންގެ ހިތް އެދެމުންދިޔައީއެވެ. އެހެންކަމުން ސައިކަލްގައި ބުރުޖަހަން ނިކުމެ އުޅުމުގެ ތެރޭގައި ރަށުގެ އަތިރިމައްޗަށް ނިކުމެ ޖެހޭ ފިނިވައިރޯޅީގެ ހިތްގައިމުކަމާއެކު ރަށުގެ އަތިރިމަތީ ފަރާތުގައި ހުރި ހޮޅުއަށްޓެއްގައި އަހަރެން އިށީނީމެވެ. އޭރު މިރަށަކީވެސް ތަރައްޤީވެ ތަހްޒީބުވެފައި އޮތް ރަށެއް ނޫނެވެ. ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން ރަށްފުށުގެ ގިނަ އަންހެން ވެރިން ހެނދުނު ގަޑީގައި ގޮނޑުދޮށުގައި ތެލިދޮންނަން އުޅޭ މަންޒަރަކީ އަހަރެން ގަޔާވާ އަދި ވަރަށް ބަލާ ހިތްވާ ހިތްގައިމު މަންޒަރަކަށް ވުމާއެކު ރަށުގެ ގޮނޑުދޮށުގައި ތެލި ދޮންނަން އިން ރީތި ޒުވާން އަންހެން ކުއްޖަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އަދި އޭނާގެ ހަރަކާތްތަކަށް ބަލަން އިނދެވުނީ ކިހާއިރަކުކަމެއްވެސް ހުދު އަހަރެންނަކަށް ނޭގުނެވެ.

އެއަންހެން ކުއްޖާ ތެލި ދޮވެ ނިމިގެން އެއްގަމަށް އަރައި ރަށުތެރެއަށް ހިނގައި ގަތުމާއެކު އަހަރެންގެ ހިތް އޭނާގެ ފަހަތުން ދިއުމަށް ގޮވަން ފެށިއެވެ. އެހެންކަމުން އަހަރެން ހޮޅުއަށިން ތެދުވެގެން ސައިކަލުގައި ދުއްވާފައި ގޮސް އޭނާއާއި އަރާހަމަ ކުރީމެވެ. އަދި ގޮވާލިން.. ކަނބުލޮ ހާލު ކިހިނެއްތަ؟... އަހަރެން އޭނާގެ ހާލު އަހާލުމުން ހިނިތުންވުމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އޭނާ ވަރަށް ރަކިވެފައި އަހަރެންނާއި ދިމާލަށް ބަލާލިގޮތުން އަހަރެންގެ ހިތް ފުރި ބަންޑުންވި ކަހަލައެވެ. ނަމަވެސް އަހަރެން މަޑުކުރުމުންވެސް އޭނާ މަޑުނުކޮށް ހިނގައިގަތެވެ. އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. ވަންނަ ގެއެއް ބަލަންވީއެވެ. މިހެން ހިތާ އޭނާ ގެއަށް ވަންނަންދެން އަހަރެން ސައިކަލްގައި ފަސްފަހަތުން ބުރުޖަހަމުން ގެންދިއީމެވެ. އެއީ އަހަރެމެންގެ ގެއާއި ވަރަށް ދުރު ހިސާބެއްގައި ހުންނަ ގެއެކެވެ. އޭނައަކީ ކުރިން މިރަށުން އަހަރެން ދެކޭ ކުއްޖެއް ނޫނެވެ.

އިސްކޮޅާއި ރޫފަ އެއްވަރެވެ. ހިމަތޮޅި އޮޅަލި ކުއްޖެކެވެ. އެހާމެ ފުރިހަމަ އަންހެން ވަންތަ ހަށިގަނޑެކެވެ. އޭނާ ގެއަށްވަނުމާއެކު އަހަރެން އެގެއާއި ދިމާލަށް ބަލާލުމަށްފަހު އެނބުރި އަހަރެންގެ ގެއާއި ދިމާލަށް މިސްރާބު ޖެހީމެވެ. މުޅި ދުވަހުގެ ކަމަކީ އެއަންހެން ކުއްޖާއާއި ބައްދަލުކުރާނެ ގޮތެއް ރޭވުމެވެ. އަހަރެންނަށް އެރޭ ނިދުނީ އޭނާގެ ހަނދާނުގައި އެދުނމަތީގައި ދެއަތަށް ފުރޮޅި ފުރޮޅި އޮއްވައެވެ. (ނުނިމޭ)

****

އެޑިޓަރުގެ ނޯޓު: މިވާހަކައިގެ ދެވަނަ ބައި ޝާއިއު ކުރެވޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.