މޯލްޑިވްސް ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ވުޖޫދުވެގެން އައިސްފައިވަނީ އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކައި، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ. މިއަދަކީ އެމްޑަބްލިއުއެސްސީގެ ޚިދުމަތްތަކަށް 26 އަހަރު ފުރޭ ދުވަހެވެ.

އެމްޑަބްލިއުއެސްސީން އެ ކުންފުނީގެ ޚިދުމަތް އެންމެ ފުރަތަމަ ފެށީ 60 ވަރަކަށް މުވައްޒަފުންނާއެކު ދުވާލަކު 10،447 ކޮޑި މީޓަރުގެ ފެން، 60،000 މީހުންގެ އާބާދީއަކަށް ފޯރުކޮށްދިނުމަށެވެ. މިހާރު އެ ކުންފުނިން ގެންދަނީ 900 އަށްވުރެ ގިނަ މުވައްޒަފުންނާއެކު، ދުވާލަކު 43،300 ކޮޑި މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ހޯދައި، ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތަ އަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

އެމްޑަބްލިއުއެސްސީގެ އެންމެ މުހިންމު އެއް އަމާޒަކީ ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި އަދި ތިވާމެށްޓާ ރައްޓެހިގޮތެއްގައި، ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި އިންސާނީ ވަސީލަތްތައް ބިނާކޮށް ކުރިއެރުވުމާއެކު، ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ޚިދުމަތުގެ ފެންވަރު އިތުރަށް ތަރައްޤީކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމެވެ.

ގްރޭޓަރ މާލެ ސަރަހައްދުގެ އިތުރުން އެ ކުންފުނިން ގެންދަނީ ކ. މާފުށި، ހދ. ކުޅުދުއްފުށި އަދި ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި ދުވާފަރުގައި އެ ކުންފުނިން ގެންދަނީ ކަރަންޓާއި ކުނި މެނޭޖްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އެ ކުންފުނީގެ މައިގަނޑު އަސާސަކީ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ވީނަމަވެސް، 26 އަހަރު ދުވަހުގެ ތަޖުރިބާއާއެކު ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައެވެ. އެގޮތުން މިއަދު ރާއްޖޭގައި ހިންގާ ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ އިތުރުން، ފުޅާދާއިރާ އެއްގައި އިންޖީނިއަރިންގ، މެނުފެކްޗަރިންގ އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކާ، މަސްވެރީންނަށް އައިސް ފޯރުކޮށްދިނުމާއި، ފުޅީގައި ބަންދުކޮށްފައިވާ ފެން އުފައްދުމާއި، ފެނާއި ނަރުދަމާ ގެ މަސައްކަތްތަކާއި ފެން ވައިރިންނަށް ބޭނުންވާ ހޮޅި އުފެއްދުމާއި، އަދި ފެން އުފައްދާ އާރ، އޯ ޕްލަންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ޤާބިލްކަންވެސް އެމްޑަބްލިއުއެސްސީން ވަނީ ހޯދާފައެވެ.

މީގެ އިތުރުން ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ޚިދުމަތް ދިނުމަށްޓަކައި އެމްޑަބްލިޔުއެސްސީން ތަފާތު އެކި އެކި މަސައްކަތްތައް ކުރަމުންދާއިރު، އެ ކުންފުނީގެ 2 އޮޕަރޭޝަން ސެންޓަރެއްގައި ދަނީ އިއާދަ ކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަމުންނެވެ. އަދި ކަރުދާސް ބޭނުންކުރެވޭ މިންވަރު މަދުކުރުމުގެ ގޮތުން، އެމްޑަބްލިޔުއެސްސީން އިލެކްޓްރޯނިކް ޚިދުމަތްތައްވެސް ވަނީ ތަޢާރަފުކޮށްފައެވެ. މީގެ ތެރޭގައި އެ ކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ޚިދުމަތްތައް ހޯދައި، ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ކަސްޓަމަރުންނަށް ފަހި ކޮށްދީފައެވެ.

އެމްޑަބްލިއުއެސްސީގެ ޚިދުމަތްތަކަށް 26 އަހަރު ފުރިގެންދާއިރު، އެ ކުންފުނިން ގެންދަނީ މިވަގުތުވެސް 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި އަމަލީ މަސައްކަތް ފެށިފައިވާއިރު ދެން ހުރި ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައިވެސް އެ ކުންފުނީގެ ޚިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދީފައެވެ. އަދި ސަރުކާރުން ކުރަމުން އައި އެކި މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮވިޑް ފެސިލިޓީތައް ބިނާކުރުމަށްޓަކައި އެ ކުންފުނީގެ ސީއެސްއާރު ދަށުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން ސީއެސްއާރުގެ ދަށުން ތައުލީމާއި ސިއްހީ، އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއިންވެސް މިކުންފުނިން ވަނީ މުޖްތަމަޢަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމްޑަބްލިއުއެސްސީ ގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ދެމެހެއްޓެނެވި ގޮތެއްގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއި އެކު އެ ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.