ސަރުކާރުގެ އެކި ވުޒާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ މިމަހު 8 ގެ ކުރިން ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އަންގައިފިއެވެ.

ވަޒީފާއާއިބެހޭ ގާނޫނަށް ގެނައި 4 ވަނަ އިސްލާހާއި އެއްގޮތަށް، ވަޒީފާ އަދާކުރާ މުސްލިމް މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ރުފިޔާގެ ވާހަކަ ބަޔާންކޮށް ފިނޭންސް މިނިސްޓްރީން ބުނީ ވަޒީފާ އަދާކުރާ މީހުނަށް ރޯދަ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭނެ ކަމަށެވެ.

މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެއް ގިނަ ވަޒީފާތަކުގައިއުޅޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ލިބޭނީ ހަމައެކަނި އެ މުވައްޒަފަކު އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން ކަމަށް މިނިސްޓްރީން ވަނީ ބުނެއެވެ.

ފިނާންސް މިނިސްޓްރީން ބުނީ، ރަމަޟާން މަހުގެ ތިންބައިކުޅަ އެއްބައި ފާއިތުނުވަނީސް ވަކިވެފައިވާ މުވައްޒަފަކަށް ރޯދަ އިނާޔަތް ދީފައިވާނަމަ، ވަކިވި ދުވަހާއި ހަމައަށްވާ ފައިސާ ފިޔަވާ އިތުރުވާ ފައިސާ އެ މުވައްޒަފެއް އަތުން އަނބުރާ ޖަމާކުރަންޖެހޭނެ ކަމަށެވެ.

މީގެއިރުތުން، ރަމަޟާންމަހުގެ ތެރޭގައި އަލަށް ވަޒީފާދޭ މުއައްޒަފުންނަށް އެމުވައްޒަފަކު ވަޒީފާއަދާކުރާ ދުވަހުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި ރަމަޟާންމަހުގެ އިނާޔަތުގެ ފައިސާ ދޭންޖެހޭނެ ކަމަށްވެސް އެމިނިސްޓްރީއިން ބުނެފައި ވެއެވެ.

ރަމަޟާންމަހު ވަޒީފާއިން ވަކިވި މުވައްޒަފުންނަށް އެމުވައްޒަފަކު މަސައްކަތްކުރި ދުވަހާއި ހަމައަށް އިނާޔަތް ދިނުމަށް ހަމަޖެހިފައިވާއިރު، ޕޭލީވް އަދި ނޯޕޭލީވްގައި ތިބޭ މުއައްޒަފުން، ވަޒީފާއަށް ނުކުތުމާ ހަމަޔަށް އިނާޔަތް ހަމަނުޖެހޭނެ ކަމަށާއި، ވަޒީފާއިން ވަކިވާ މުވައްޒަފަކަށް ވަކިވި ދުވަހަށްވުރެއް އިތުރަށް ދެވިފައިވާ ފައިސާ އެމުވައްޒަފެއް އަތުން ހޯދައި އަނބުރާ ޖަމާކުރަންޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިމަހުގެ 1 ގެ ކުރިން ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ހޯދުމަށާއި، ދައުލަތުގެ އެކައުންޓިންގ ސޮފްޓުވެއަރ ކަމަށްވާ އެކައުންޓްސް ޕޭޔަބަލް މޮޑިއުލް ބޭނުންކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާގެ ވައުޗަރ މިމަހުގެ 4 ވަނަ ދުވަހުގެ ކުރިން ޕޯސްޓުކުރަން ޖެހޭނެ ކަމަށްވެސް ފިނާންސް މިނިސްޓްރީން ބުނެފައިވެއެވެ.