2020 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާ ބަހަން ބޭންކް އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.
ބީއެމްއެމްއެލްއިން މިގޮތަށް ނިންމީ އިއްޔެ ބޭއްވި އެބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައެވެ. ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ބެހުމަށް އެ ޖަލްސާގައި ވަނީ ނިންމާފައެވެ.
ކޮވިޑް-19 ގެ ސަބަބުން ކުރިންވެސް އަންދާޒާ ކުރިފަދައިން ބޭންކުގެ ވިޔަފާރިއަށާއި އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް އަސަރުކޮށްފައިވާކަމަށާއި، ބޭންކުގެ އަހަރީ ނަތީޖާއިން މިކަން ހާމަވާކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
2020 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ބީއެމްއެލްއަށް ވަނީ ލިބިފައެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 68 އިންސައްތަ އަށްވުރެ ބޮޑު ދަށްވުމެކެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކާމިޔާބު ނަތީޖާއެއް 2019 ވަނަ އަހަރު ދެއްކުނު ނަމަވެސް، ކޮވިޑް-19 ގެ ސަބަބުންނާއި އަންދާޒާ ކުރެވިފައި ނުވާނެހެން ވިޔަފާރި ހުއްޓުމަކަށް އައުމުން 2020 ވަނަ އަހަރުގެ އާމްދަނީ ވަނީ ވަރަށް ބޮޑަަށް ދަށްވެފައިކަމަށެވެ.
މިކަމުން އަރައިގަތުމުގައި ހެޔޮ ބަދަލުތަކެއް ފެންނަމުންދާއިރު ބޭންކުންވެސް މަސައްކަތް ކުރަމުންދާނީ މިއަހަރު ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށްކަމަށް ޓިމް ވިދާޅުވިއެވެ.
ބީއެމްއެލްގެ ހިއްސާގެ ފައިދާ ބަހާނީ ބުކް ކްލޯޝާ ތާރީހުގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ލިސްޓުކޮށްފައިވާ ހުރިހާ ހިއްސާދާރުންނަށެވެ. ބުކް ކްލޯޝާ ތާރީހު އިއުލާނުކުރާނީ އަހަރީ އާންމު ޖަލްސާގެ ނޯޓިހާއެކުގައެވެ.