ޑިޖިޓަލް ޙިދުމަތްތައް ޑިވެލޮޕްކުރާ ދިވެހިރާއްޖޭގެ ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި ކުންފުނިތަކަށް، އީ-ފާސް ބޭނުންކުރަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ބުނީ، ދިވެހި އެޕްލިކޭޝަންތަކާއި އޮންލައިން ވިޔަފާރިތައް ތަރައްޤީވެ ފުޅާވަމުންދާއިރު، ޚިދުމަތް ދޭ ފަރާތްތަކާއި ޚިދުމަތް ހޯދާފަރާތްތަކަކީ ސައްޚަ ފަރާތްތަކެއްކަން ކަށަވަރުކުރުމަކީ އޮންލައިން ވިޔަފާރިއަށް ރައްޔިތުންގެ އިތުބާރުލިބި އިތުރު އިޤްތިސާދީ ހަރަކާތްތަކަށް މަގުފަހިވެގެންދާނެ ކަމެއްކަމަށް އެ މިނިސްޓްރީން ޤަބޫލުކުރާކަމަށެވެ.

މިކަންކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ޑިޖިޓަލް އެޕްލިކޭޝަންތަކާއި އޮންލައިން ޚިދުމަތްތަކުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ސިންގަލް ސައިން އޮން ސަރވިސް "އީ-ފާސް"، ޕްރައިވެޓް ސެކްޓަރގެ ދިވެހި ޑިޖިޓަލް ޚިދުމަތްތައް ލިބިގަތުމުގައި ބޭނުންކުރާ ގޮތައް ހެދުމަށްޓަކައި، އެފަދަ ޑިޖިޓަލް ޚިދުމަތްތައް ޑިވެލޮޕްކުރާ ދިވެހިރާއްޖޭގެ ސޮފްޓްވެއަރ ޑިވެލޮޕަރުންނާއި ކުންފުނިތަކުން އީ-ފާސް ޚިދުމަތް ބޭނުންކުރުމަށް އެދި "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމަށް އެމިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއިން ހުޅުވާލާފައިވާކަމަށެވެ.

މި ހަރަކާތުގެ ބޭނުމަކީ، މި ޚިދުމަތް އާންމުކޮށް ހުޅުވާލުމުގެ ކުރިން، މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކާއި އެކު މި ނިޒާމު ހިންގުމުގެ "ބީޓާ" ޓެސްޓިންގްއެއް ހެދުންކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މެއި މަހުގެ 15 ގެ ނިޔަލަށް ރަޖިސްޓްރޭޝަން ފޯމް [email protected] އަށް މެއިލްކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. މިކަމާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް mv.gov.ncit.www އިން ލިބެން ހުންނާނެއެވެ.