ސ. ހިތަދޫ އިހުގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން ފަށައިފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސ. ހިތަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މަޖިލިސް މެމްބަރުންނާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި އައްޑޫ ސިޓީ ކައުންސިލްގެ ރައީސްއާއި މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސ. ހިތަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 234،297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން ހިމެނެއެވެ.

މީގެއިތުރުން 1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކުރި މިމަޝްރޫއުއަކީ 52.43 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސްތެރޭގައިއެވެ.