ވިޒިޓް މޯލްޑިވްސްއިން ސައުތު އިންޑިއާގެ މަޝްހޫރު ފިލްމީތަރި، ޖަނާނީ އަޔަރ އާއިއެކު ފެމިލިއަރައިޒޭޝަން ޓްރިޕެއް ފަށައިފިއެވެ.

އިންޑިޔާއިން ޒިޔާރަތްކުރާ ފަތުވެރިންގެ އަދަދު އިތުރުކުމުގެ މަޤްސަދުގައި ފެށި މިފޭމް ޓްރިޕްގައި ޖަނާނީ އާއި އާއިލާ ރާއްޖޭގައި ހުރުމަށް ހަމަޖެހިފައި ވަނީ މާރިޗު މަހު 28ން އޭޕްރީލް 2ގެ ނިޔަލަށެވެ. މިދަތުރުގައި ޖަނާނީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގައި ތަޖުރިބާކުރެވޭ ތަފާތު ކަންތައްތައް ދައްކާލާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ޖަނާނީ އަޔަރ އަކީ ސޯޝަލް މީޑިއާގައި 4.6 މިލިޔަނަށް ވުރެގިނަ ފޮލޯވާސް ހިމެނޭ، ޓަމިލް އަދި މަލަޔާލަމް ފިލްމުތަކުގައި މަޝްހޫރު ތަރިއެކެވެ. މި ދަތުރުގައި ޖަނާނީ އާއި އާއިލާ ރާއްޖޭގައި ހޭދަކުރާ 6 ދުވަސް ތިބުމަށް ހަމަޖެހިފައިވަނީ ދަ ރެސިޑެންސް މޯލްޑިވްސް ދިގުރަށުގައެވެ. މިދަތުރުގައި ފަތުރުވެރިންނަށް ލިބެންހުންނަ ތަފާތު ތަޖުރިބާތައްކޮށް ޖަނާނީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކާލާއިރު، މީގެތެރޭގައި ވޯޓާ ސްޕޯޓްސް އަދި ސްޕާ ފަދަ ތަޖުރިބާތައް ދައްކާލާނެއެވެ.

އިންޑިއާގެ ފިލްމީ ތަރިން ޗުއްޓީ ހޭދަކޮށްލަން އެންމެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ވަނީ ވެފައެވެ. ބޮލީވުޑްގެ ތަރިން ކަމަށްވާ ތާޕްސީ ޕަންނޫ، ވަރުން ދަވަން، ޓައިގަ ޝްރޮފް، ޑިޝާ ޕަޓާނީ އަދި ނޭހާ ދޫޕިއާ ފަދަ މަޝްހޫރު ތަރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މާރިޗް މަހަކީ ވިޒިޓް މޯލްޑިވްސް އިން އިންޑިއާ މާކެޓްގައި އަމަލީގޮތުން ގިނަ މާކެޓިން ޚަރަކާތްތަކެއް ކުރިޔަށްގެންންދިޔައެވެ. މީގެ ތެރޭގައި ޕްރެސް ކޮންފަރެންސް އަކާއި ރޯޑްޝޯއެއް މާރިޗް މަހު 22 ވަނަ ދުވަހު ބާއްވާފައިވެއެވެ. މީގެއިތުރުން މާރިޗް މަހު 26 އިން 28 ގެނިޔަލަށް ބޭއްވި ސައުތް އޭޝިއަން ޓްރެވެލް އެންޑް ޓޫރިޒަމް އެކްސްޗޭންޖް (ސާޓޭ) ގައި ވިޒިޓް މޯލްޑިވްސް އާއެކު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކުންވެސް ވަނީ ބައިވެރިވެއެފައެވެ.

ފެބްރުއަރީ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އިންޑިއާ ވެގެންގޮސްފައިވަނީ އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އެއްގައުމަށެވެ. މާރިޗް މަހުގެ 24 އާއި ހަމަޔަށް ދިވެހިރާއްޖެއަށް 269,504 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މީގެ ތެރޭގައި 64,059 ފަތުުރިންނަކީ އިންޑިއާއިން ޒިޔާރަތްކުރި ފަތުރުވެރިންނެވެ.