މިދިޔަ މާޗް މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 109،585 އަށް އަރައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް 109،585 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ މަހު ދުވާލެއްގެ މައްޗަށް 3،535 ފަތުރުވެރިން ޒިޔަރަތްކުރި ކަމަށް ވަނީ ރެކޯޑުކޮށްފައެވެ. އޭގެ ކުރީ ފެބްރުއަރީ މަހު 3،460 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ މަހު މި އަދަދު ވަނީ 2.16 އިންސައްތައިން އިތުރުވެގެން ގޮސްފައެވެ.

އަދި މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން އެއް ދުވަހަކު ރާއްޖެ ޒިޔާރަތްކުރި ދުވަހު 5،516 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކުރި ދުވަހު ވެސް 2،368 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން މިދިޔަ މަހު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން 25،690 ފަތުރުވެރިން މިދިޔަ މަހު ޒިޔާރަތްކޮށްފައިވާކަމަށާއި، ދެވަނައަށް ރަޝިއާއިން 22،826 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. ތިންވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޖާމަނީއިން ޒިޔާރަތްކޮށްފައިވާއިރު، ޖާމަނީން 7،278 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މިދިޔަ މާޗް މަހުގެ 31 ގެ ނިޔަލަށް މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 298،570 އަށް އަރާފައެވެ. މިއީ ޓުއަރިޒަމް މިނިސްޓްރީން 1.5 މިލިއަން ފަތުރުވެރިން މިއަހަރު ގެނައުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް މަގުފަހިކުރުވާނެ ކަމެކެވެ.

މި އަމާޒަށް ވާސިލްވުމަށް އެކި މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގިނަ މަސައްކަތްތަކެއް ޓުއަރިޒަމް މިނިސްޓްރީއާއި ވިޒިޓް މޯލްޑިވްސްއިން ގުޅިގެން ގެންދަނީ ކުރަމުންނެވެ.