ހިތަދޫ ރީޖަނަލް ޕޯޓް (އެޗްޕީއެލް) އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

އައްޑޫ ސިޓީގައި މިއަދު އޮތް ޙާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. ހިތަދޫ ޕޯޓް ލިމިޓެޑްގެ ފަރާތުން، އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީއެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޢާދަމް އާޒިމެވެ.

މި ޕްރޮޖެކްޓަށް ޖުމްލަ 211.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވަނީ ބުނެފައެވެ. މި ޕްރޮޖެކްޓް 18 މަސްތެރޭ ފުރިހަމަކުރުމަށް ވަނީ ކަނޑައަޅާފައެވެ. މި ޕްރޮޖެކްޓް ފުރިހަމަވުމުން، ހިތަދޫ ޕޯޓުގެ އޮޕަރޭޝަންތަކަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

މި ޕްރޮޖެކްޓުގެދަށުން ޖުމްލަ 160،000 އަކަ މީޓަރުގެ ސަރަހައްދެއް ފުންކުރެވޭނެ ކަމަށާއި، 200 މީޓަރުގެ މަގަތު ފާލަމެއް ތަރައްޤީކޮށް، ރާއްޖޭން ބޭރުން އަންނަ ކޮންޓޭނަރ އުފުލާ އުޅަނދު ފަހަރަށް ހާއްސަ ކުރެވި، ލޯކަލް ހާބަރއެއްގެ ގޮތުގައި 160 މީޓަރުގެ މަގަތުފާލަމެއް ތަރައްޤީކުރުމުގެ އިތުރުން، ޓާމިނަލް ޔާޑް ސަރަހައްދެއްގެ ގޮތުގައި 23،000 އަކަ މީޓަރުގެ ސަރަހައްދެއް ހާއްސަކުރެވުމާއި، 429 މީޓަރުގެ ތޮއްޓެއްލައި، މަގަތު ފާލަމަށް ކައިރި ކުރާ ބޯޓު ފަހަރަށް ރައްކާތެރިކަން އިތުރުކުރެވޭނެ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.

އެމްޕީއެލުން ބުނީ މޫސުމީ ގޮތުން ކަނޑުގައި އުފުދޭ ބާނީތަކުގެ ސަބަބުން، ހިތަދޫ ޕޯޓަށް ކޮންޓޭނަރު އުފުލާ އުޅަނދު ފަހަރު ކައިރިކުރުމުގައި މިހާރު ދަތިތަކެއްދިމާވާ ކަމަށެވެ. މީގެ ސަބަބުން މީގެ ކުރިން ދިމަވެފައިވަ ހާދިސާތަކުގެ ސަބަބުން މުދާ ގެންނަ ފަރާތާއި އެ ކުންފުންޏަށް ވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާކަމަށް އެމްޕީއެލުން ބުނެފައިވެއެވެ .

އެހެންކަމުން ހިތަދޫ ޕޯޓު އިތުރަށް ތަރައްޤީކުރުމުގެ ޕްރޮޖެކްޓް ފުރިހަމަވުމުން، އެ ޕޯޓުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރަށް ބޮޑުތަން އިތުރުވެގެންދާނެ ކަމަށާއި، މީގެ ސަބަބުން އައްޑޫއަށް ކަނޑުމަގުން މުދާ ގެންދިއުމަށް އޮތް މަގު ފަސޭހަވެ، އިޤްތިސާދީ ގޮތުން ވެސް އައްޑޫ ސިޓީއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.