ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާއި ގުޅިގެން ޖަމާޢަތުގައި ގައިދުރުކޮށްގެން ނަމާދުކުރަން ނިންމި ނިންމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިމުމަކަށް ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ހާމަކޮށް މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ގައިދުރުކޮށް ނަމާދު ކުރުމަށް އެމިނިސްޓްރީން ނިންމާފައިވާ ނިންމުން މިއަދުގެ މަޣްރިބު ނަމާދަށްފަހު ނިމުމަކަށް ގެނެސްފައިވާ ކަމަށާ އެހެންކަމުން މިއަދުގެ މަޢްރިބު ނަމާދުން ފެށިގެން މިސްކިތްތަކުގައި ނަމާދުކުރާނީ ޖަމާއަތުގައި ކައިރި ކައިރީ ތިބެގެން ކަމަށެވެ. މި ގޮތަށް ބަދަލު ކުރި ނަމަވެސް ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކަށް ސަމާލުވާން މިނިސްޓަރު ވަނީ އެދި ވަޑައިގެންފަ އެވެ.

ޖަމާޢަތުގައި ގައިދުރުކަމާއެކު ނަމާދުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. ނަމާދު ގައިދުރުކޮށް ކުރުމަށް ނިންމި ނިންމުމާއިމެދު ދީނީ އިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވެސް ވެފައިވީނަމަވެސް ރާއްޖޭގެ ފަތުވާ މަޖިލީހުންވެސް މިހާލަތުގައި ގައިދުރުކޮށް ނަމާދު ކުރެވިދާނެކަމަށްވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ކުރިން ނިންމާފައި އޮތީ މި އަހަރުގެ ރަމަޟާން މަހު ގައިދުރުކަމާއެކު ތަރާވީހު ނަމާދުކުރުމަށް ނަމަވެސް މިއަދު މިގެނައި ބަދަލާއެކު، ރަމަޟާން މަހު ތަރާވީހު ނަމާދު ކުރާނީ ގައިދުރުނުކޮށެވެ.