މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ތަންޚާޖީ" ގައި އެކްޓަރު ސައިފް އަލީ ޚާން ދައްކުވައިދީފައިވާ ވިލެންގެ ރޯލަށްފަހު އޭނާގެ ފިލްމީ ހަޔާތް މުޅީންވަނީ ބަދަލުކޮށްލާފައެވެ.

އޭގަފަހުން އޭނާއަށް މުޅިންވެސް ލިބެމުން އަންނަނީ "ތަންޚާޖީ" ގައި ދައްކުވައި ދީފައިވާފަދަ ތަފާތު ރޯލުތަކެކެވެ.

ދާދިފަހުން ރިލީޒްކުރި އެމޭޒަން ޕްރައިމްގެ ވެބް ސީރީޒް "ތަންދާވް" ގައި ފެނިގެންދިޔަ ޗެލެންޖިންގް ކެރެކްޓާއާއެކު އޭނާގެ ކުރިއަށް އޮތް ފިލްމު "އަދީޕުރުޝް" ގައިވެސް ސައިފް ކުޅެން ހަމަޖެހިފައިވަނީ ވިލެންއެއްގެ ރޯލެވެ.

އޭނާއަށް ލިބެމުންދާ ތަފާތު ބޮޑެތި ރޯލުތަކުގެ ސަބަބުން ސައިފްވަނީ އޭނާ ފިލްމު ކުޅެދޭ އަގު ކުރިއަށްވުރެ ބޮޑުކޮށްފައިކަމަށް މީޑީއާތަކުންވަނީ ބުނެފައެވެ.

ޚަބަރު ލިބޭގޮތުގައި ސައިފް ކުޅެން ސޮއިކޮށްފައިވާ ފިލްމު "ވިކްރަމް ވޭދާ" ގެ ރިމޭކް ކުޅެން އޭނާ އެއްބަސްވެފައިވާ އަގަކީ 12 ކްރޯޑް އިންޑިއަން ރުޕީސްއެވެ. އެއީ 1.64 މިލިއަން ޔޫ.އެސް ޑޮލަރެވެ.

މިއަހަރު ފަހުކޮޅު މިފިލްމުގެ ޝޫޓިންގް ފެށޫމަށް ހަމަޖެހިފައިވާއިރު ސައިފްއާއެކު ފިލްމުން ދެން ފެނިގްނދާ އެކްޓަރު ރިތިކް ރޯޝަން ފިލްމުކުޅެދޭ އަގާބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

2017 ވަނަ އަހަރު ރިލީޒްވެފައިވާ ފިލްމު "ވިކްރަމް ވޭދާ" އަކީ ގޭންގް ސްޓަރއަކާއި ފުލުހަކާ ދެމެދު ހިންގާ ހަމަނުޖެހުންތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

މިފިލްމު އުފައްދަނީ ރިލަޔަންސް އެންޓަޓެއިންމެންޓްގެ ފަރާތުން ޕްރޮޑިއުސަރު ނީރަޖް ޕާންޑޭއެވެ. ފިލްމުގައި ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތް ކުރަނީ ތަމަޅަ ފިލްމުގައިވެސް މަސައްކަތްކޮށްފައިވާ ޕުޝްކަރް އަދި ގައިތްރީއެވެ.

މިފިލްމަކީ ތަމަޅަ ފިލްމެއްގެ ރިމޭކެއް ކަމަށްވިޔަސް ޕްރޮޑީއުސަރު ނީރަޖްގެ އެންމެ ބޮޑު މަގްސަދަކަށް ވެފައިވަނީ މިފިލްމު ހިންދީ ސިނަމާއާއި ވީހާވެސް ރައްޓެހިގޮތަކަށް މިފިލްމު ގެނެސްދިނުމަށެވެ.

ސައިފްގެ ކުރިއަށްހުރި ފިލްމުތަކަށް ބަލާއިރު އޭނާވަނީ ފިލްމު "ބޫތް ޕޮލިސް" ގެ މަސައްކަތް ނިންމާލުމަށްފަހު އެކްޓަރު ޕްރަބާސްއާއެކު ކުޅޭ ފިލްމު "އަދީޕުރުޝް" ގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.