އައްޑޫ ސިޓީ ހުޅުދޫއާއި މީދޫއަށް ނިސްބަތްވާ ގޮތަށް ހަދާ މިފްކޯ ބަނދަރު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް މިއަދު ފަށައިިފިއެވެ.

ބަނދަރު ތަރައްގީކުރުން ފެށުމަށް މިއަދު ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މިރަސްމިއްޔާތުގައި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބާއި، މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒޭނާ އާދަމްއާއި، މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީއާއި ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން، ހިތަދޫ ދާއިރާގެ މެމްބަރުންނާއި، ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާޒް އަލީ އާއި އައްޑޫ ސިޓީގެ މޭޔަރއާއި، އެމްޕީއެލްގެ ސީއީއޯވެސް މިރަސްމިއްޔާތުގައި ބައިބައިވެރިވެވަޑައި ގެންނެވިއެވެ.

މިމަސައްކަތުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1,788 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުން ހިމެނެއެވެ. އަދި 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކުރި މި މަސައްކަތަކީ 68.80 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.