ބޮލީވުޑުގެ މަޝްހޫރު ބަތަލާ އަދި ސިޔާސީ މައިދާނުގައި ވަރަށް ފާހަގަކޮށްލެވޭ ފަރާތެއް ކަމަށްވާ ކިރަން ޚޭރް ލޭގެ ކެންސަރު ކަމަށްވާ މައިލޯމާއަށް ފަރުވާ ހޯދަން ފަށައިފިއެވެ.
މިހާރަކަށް އައިސް ވަރަށް މަދުން ބޮލީވުޑްގެ ފިލްމުތަކުން ފެންނަ ބަތަލާ ކިރަންއަށް ލޭގެ ކެންސަރު ޖެހި ބައްޔަށް ފަރުވާ ހޯދަމުންދާކަން ފިރިމީހާ އަދި އެކްޓަރު އަނޫޕަމް ޚޭރްވެސްވަނީ ކަށަވަރުކޮށްދީފައެވެ.
އަނޫޕަމް ޚޭރް އަދި ކިރަންގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅު އެކްޓަރު ސިކަންދަރު ޚޭރް ނެރެފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ، ކިރަން ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށާއި މިބައްޔާ ހަނގުރާމަކޮށް ކިރަން ވަރަށް އަވަހަށް މިބަލިން ސަލާމަތްވާނެކަމަށް އުއްމީދުކުރާ ކަމަށެވެ.
ހަމައެހެންމެ މިވަގުތު އެންމެހާ ހެޔޮއެދޭ ފަރާތްތަކުގެ ހެޔޮ ދުއާ ކިރަންއަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް އަނޫޕަމްވަނީ ބުނެފައެވެ.
ކިރަން ލޭގެ ކެންސަރަށް ފަރުވާ ހޯދަމުންދާކަމަށް ކިރަން ނިސްބަތްވާ ސިޔާސީ ޕާޓީ ބީޖޭޕީގެ ފަރާތުން އެޕާޓީގެ މެމްބަރެއް ކަމަށްވާ އަރުން ސޫދުވެސްވަނީ ބުނެފައެވެ.
އަރުން ސޫދު މިކަމާބެހޭގޮތުން ވާހަކަ ދައްކާފައިވަނީ ފަހަކަށްއައިސް ސިޔާސީ ހަރާކާތްތަކުން ކިރަން ފެނިގެން ނުދިއުމާ ގުޅިގެން ގިނަބަޔަކު އޭނާއާ ސުވާލުކުރުމާ ގުޅިގެން އެސުވާލުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ.
ބީޖޭޕީގެ ޗަންދިގަރުގެ ގޮފީގެ ރައީސް އަރުން ސޫދު ބުނެފައިވާގޮތުގައި ކިރަންއަށް ލޭގެ ކެންސަރު ޖެހިފައިވާކަން އެނގުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުތެރޭ އޭނާގެ ވާތްފަރާތު އަތަށް ލިބުނު ގެއްލުމަކާ ގުޅިގެން އެކަމަށް ފަރުވާ ހޯދަމުންދަނިކޮށެވެ.
ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާތާ މިހާރު ހަތަރުމަސް ވެފައިވާ ކަމަށާއި އެހެންނަމަވެސް އަދިވެސް ފަރުވާދަނީ ކުރިއަށްކަމަށް އަރުން ސޫދްވަނީ ބުނެފައެވެ.
އަނޫޕަމް ޚޭރްގެ ސްޓޭޓްމެންޓާއެކު ބޮލީވުޑްގެ ވަރަށް ގިނަ ތަރިންތަކެއްވަނީ ކިރަންގެ ބައްޔަށް އަވަސް ޝިފާއެއް ލިބުމަށް އެދި ހެޔޮ ދުއާ ފޮނުވާފައެވެ. އޭގެތެރޭގައި ބަތަލާ ނީތޫ ކަޕޫރު، ޝިލްޕާ ޝެޓީ، ޕްރިޔަންކާ ޗޯޕްރާ އަދި ޕަރިނީތީ ޗޯޕްރާ ހިމެނެއެވެ.
ފަހަކަށް އައިސް ބޮލީވުޑް ފިލްމުތަކުން ކިރަން ފެނިފައިވަނީ ވަރަށް މަދުންނެވެ.
އޭނާ އެންމެ ފަހުން ފެނިފައިވަނީ ކަލަރސް އިން ދައްކަމުން އަންނަ "އިންޑިއާސް ގޮޓް ޓެލެންޓް" ސީރީސްގެ ޝޯވްތަކުން ޖަޖެއްގެ ގޮތުގައެވެ.