ވިޒިޓް މޯލްޑިވްސްއިން އަލަށް ތައާރަފްކުރި ވަރޗުއަލް އިވެންޓު މެނޭޖްމެންޓު ޕްލެޓްފޯމް ލޯންޗުކޮށްފިއެވެ.

ޒަމާނީ ފެންވަރަށް ތައްޔާރުކޮށްފައިވާ މި ޕްލެޓްފޯމަށް ދީފައިވާ ނަމަކީ "މައި ވަރޗުއަލް މޯލްޑިވްސް" އެވެ.

މިޕްލެޓްފޯމް ފަރުމާކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އޯޑިއަންސް އެންގޭޖްކޮށް ނެޓްވޯކް ކުރެވޭނެ ފަދަ ތަފާތު ހަރަކާތްތަކެއް ބޭއްވޭނެ ފެންވަރަށް ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

އެގޮތުން ވަރޗުއަލް އެގްޒިބިޝަޝަންއާއި ރޯޑުޝޯ، ވެބިނަރ، ޓްރެއިނިންގް އަދި އެހެނިހެން ލައިވްކޮށް ކުރިއަށް ގެންދާ މަރކެޓިންގ ހަރަކާތްތައް ހިމެނެއެވެ.

3 ޑީ ގްރެފިކްސްއިން ފަރުމާކޮށްފައިވާ މިޕްލެޓްފޯމްގެ ކޮންމެ ބަޔަކުންވެސް ދައްކުވާދޭނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތަކެވެ.

ޕްލެޓްފޯމުގެ "އައިލްސް މެއިން ލޮބީ" އިން ދައްކުވާލަދެނީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ވަކި ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައި އޮންނަ ޖަޒީރާ ރަށްތަކެވެ. މެއިން ލޮބީއިން ޕްލެޓްފޯމުގެ އެހެން ބައިތަކަށް ދެވެއެވެ.

"މައި ވަރޗުއަލް މޯލްޑިވްސް"ގެ ޕްލެޓްފޯމުގައި އެންމެ ފުރުތަމަ އިވެންޓެއްގެ ގޮތުގައި ބާއްވާފައިވަނީ ފްރާންސް މާކެޓުގެ ޓްރެވެލް ޓްރޭޑަށް އަމާޒުކޮށްގެން ފްރާންސް ބަހުން ބާއްވާ ވެބިނާގެ ފުރަތަމަ ސެޝަނެވެ.

މިއަހަރުގެ ތެރޭގައި އެކިކަހަލަ ވަރޗުއަލް އިވެންޓު އެކި މާކެޓުތަކަށް އަމާޒުކޮށްގެން "މައި ވަރޗުއަލް މޯލްޑިވްސް" ގައި ކުރިއަށް ގެންދިޔުމަށް ރޭވަފައިވަކަމަށް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.

ވިޒިޓް މޯލްޑިވްސްއިން ކުރިއަށްގެންދާ އެހެނިހެން ހަރަކާތްތަކާއި އެއްފަދައިން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް، މި އިވެންޓްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.