ލޯކަލް ކައުންސިލް އިންތިހާބު ބާއްވާ ދުވަސް ކައިރިވުމުން، އައްޑޫގައި އެކިއެކި މަޝްރޫއުތައް ފައްޓަމުންދާތީ، ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ފާޑުވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި އެކި މަޝްރޫއުތައް ފެށުމަށް ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި، ބައެއް މަޖިލިސް މެމްބަރުންވެސް އެ ސިޓީއައް ވަޑައިގެންފައިވެއެވެ. އަދި ބޮޑެތި މަޝްރޫއުތަކެއް ފަށާފައިވެސްވެއެވެ.

މިކަމަށް ފާޑުވިދާޅުވެ، މަޝްރޫއުތައް ފެށުމުގެ ރަސްމިޔާތުގެ ބައެއް ފޮޓޯތަކާއެކު މަލީހު ވަނީ ޓުވީޓް ކުރައްވާފައެވެ.

މަލީހުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، އެޒަމާނުގަ އިންތިހާބު ކައިރިވީމަ ޖެހީ ކަޑަކަމަށާއި، މިއަދު ގެންދަނީ ހައިމާކެއް، ކޮޅުވެއްޓިއެއް ނުވަތަ ބޮޑު ހިލަކޮޅެއް ކަމަށެވެ.

އެމްޑީޕީއަށް ވޯޓްދީދީ އައްޑޫ ރައްޔިތުންގެ އިނގިލިން ހަންގޮސްފިކަމަށާއި، އެހެންނަމަވެސް ތަރައްޤީއެއް ނުގެނެވުނުކަމަށް މަލީހު ވިދާޅުވިއެވެ.

މަލީހު ވަނީ، އެންމެ ތަންދޮރު ދަންނަ އައްޑޫ ރައްޔިތުންނަށް މިފަހަރު އޮޅުވާލެވޭނެތޯ ސުވާލު އުފައްދަވާފައެވެ.

އައްޑޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މި ފާއިތުވި ދެދުވަހުގެ ތެރޭގައި ފަށާފައިވާއިރު، މަލީހުގެ އިތުރުން ގިނަ ބައެއްގެ ފާޑުކިޔުން މިކަމަށް ވަނީ އަމާޒުވެފައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ފަރާތުން އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ވަނީ، އިންތިހާބުގެ ދުވަސްވަރާއި ޕްރޮޖެކްޓުތަކާ ދިމާވުމަކީ އިއްތިފާގެއް ކަމަށް ވިދާޅުވެފައެެވެ.

ކައުންސިލް އިންތިހާބާއެކު މިޕްރޮޖެކްޓުތައް ފަށަން ސަރުކާރުން ނިންމި ނިންމުމަކީ އެއީ ކަނޑަޖެހުން ނޫން ކަމަށާއި އެއީ ހަގީގަތަކަށްވާނެ ޕްރޮޖެކްޓުތަކެއް ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.