އިސްރާއީލާ ގާތް ގުޅުންތައް އުފެއްދުމުން އެކަމުގެ މަންމާ މުޅި މެދުއިރުމައްޗަށް ކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ސައުދީ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން ވިދާޅުވެއްޖެއެވެ.

ސީއެންއެންއަށް ދެއްވި އިންޓަރވިއުއެއްގައި ސައުދީ ޚާރިޖީ ވަޒީރު ވިދާޅުވީ، އިސްރާއީލާ ގުޅުން އުފެއްދުމުން ސަރަހައްދަށް އޭގެ މަންފާ ކުރި ނަމަވެސް، ސައުދީ އަރަބިއްޔާއިން އިސްރާއީލާ އެއްވެސް ގުޅުމެއް ގާއިމްކުރުން ބިނާވަނީ ފަލަސްތީނު-އިސްރާއީލުގެ ސުލްހައިގެ މަސައްކަތުގެ މައްޗަށް ކަމަށެވެ. އެކަން ކުރިއަށްދާ މިންވަރެއްގެ މައްޗަށް ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި، އިސްރާއީލާއި ސަރަހައްދުގެ ގުޅުމުގެ ހާލަތަށް ބަދަލު އައުމުން އޭގެ ވަރަށްބޮޑެތި މަންފާތަކެއް މުޅި މެދުއިރުމައްޗަށް ލިބޭނެ"
އަމީރު ފައިސަލް ބިން ފަރްހާން

އެފަދަ ސުލްހަވެރި ގުޅުމެއް ގާއިމްކުރުމުން އިގްތިސާދީގޮތުންނާއި، އިޖުތިމާއީ ގޮތުންވެސް ފައިދާކުރާނޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. ހަމަ އެއާއެކު، ސަލާމަތީ ވިސްނުމަކުން ވިސްނާއިރުވެސް އޭގެ ފައިދާ ކުރާނެ ކަމަށް ވިދާޅުވިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފަހުދުވަސްކޮޅު މަސައްކަތް ކުރެއްވި "އަބްރަހަމް އެކޯޑްސް" ގެ ދަށުން އަރަބި 4 ގައުމަކުން އިސްރާއީލާއެކު އާދައިގެ ގުޅުމަކަށް ދިއުމަށް ނިންމާފައި ވެއެވެ. އެ ގައުމުތަކަކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން، މޮރޮކޯ ސޫދާނެވެ.

އިސްރާއީލާއެކު، އާދައިގެ ގުޅުމަކަށް ދިއުމަށް ޓްރަމްޕް، ސައުދީ އަރަބިއްޔާއަށް ބޮޑެތި ފިއްތުންތައް ކުރިމަތި ކުރެއްވި ކަމަށް އަޑުތައް ފެތުރުނެވެ.

ނަމަވެސް، ސައުދީ އަރަބިއްޔާއިން ތަކުރާރުކޮށް ބުނަމުން ގެންދިޔައީ، ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ އެއްބަސްވުމުގައި ސޮއި ނުކުރެވެނީސް އެގައުމުން އިސްރާއީލާއެކު ރަސްމީ ގުޅުންތަކެއް ގާއިމް ނުކުރާނޭ ކަމަށެވެ.

ނަމަވެސް، އީރާނާހެދި އުފެދިފައިވާ ކަންބޮޑުވުންތަކާ ގަލްފުގެ އަރަބި ގައުމުތަކާއި އިސްރާއީލު ގާތްގޮތެއްގައި މަސައްކަތް ކުރަން ޖެހިފައި ވެއެވެ. ސައުދީ އަރަބިއްޔާއިންވެސް އީރާނާ ދެކޮޅު މަސައްކަތުގައި ސިއްރިއްޔާތުގައި އިސްރާއީލާ ވަރަށް ގާތް ގުޅުންތައް ބާއްވަމުން އަންނަތާ އެތައް އަހަރެއް ވެއްޖެކަމަށް ބުނެވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔަހޫ، ސައުދީ އަރަބިއްޔާގައި ސިއްރު މަޝްވަރާކެއް ބައްވާފައިވާ ކަމުގެ އަޑުތައްވެސް ބައިނަލްއަގްވާމީ މީޑިއާގައި ފެތުރިގެންދިޔައެވެ. ނަމަވެސް، ސައުދީ އަރަބިއްޔާއިންވަނީ އެ ރިޕޯޓްތައް ދޮގުކޮށްފައެވެ.