ޔޫކޭގައި އެސްޓްރަޒެނެކާ ވެކްސިން ޖެހި މީހުންގެ ތެރެއިން ބްލަޑް ކްލޮޓްވުމުގެ މައްސަލަ ދިމާވި 30 މީހުންގެ ތެރެއިން 7 މީހުން މަރުވެފައިވާ ކަމަށް ޔޫކޭ މެޑިކަލް ރެގިއުލޭޓަރ، މެޑިސިންސް އެންޑް ހެލްތު ކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީން ބުނެފިއެވެ.

އެ އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވެކްސިން ޖެހިފަހުން ބްލަޑް ކްލޮޓްވުމުގެ 30 މައްސަލައެއް މާޗް 24 އާއި ހަމައަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެ މައްސަލަ ދިމާވި މީހުންގެ ތެރެއިން މިހާތަނަށް 7 މީހުން މަރުވެފައިވާކަން ހިތާމަޔާއެކު ފާހަގަކުރާ ކަމަށެވެ.

މިއީ، އެސްޓްރަޒެނެކާގެ ވެކްސިން ޖަހައިގެން ބްލަޑް ކްލޮޓްވުން ނުވަތަ ލޭގައި ގަނޑުލޭކޮޅު އުފެދުމުގެ މައްސަލަ ދިމާވާކަން ޔޫކޭއިން ރަސްމީގޮތުން ހާމަކުރި ފުރަތަމަ ފަހަރެވެ.

ބްލަޑް ކްލޮޓްވުމުގެ މައްސަލަ ދިމާވާކަމުގެ ރިޕޯޓްތަކާ ގުޅިގެން، މިއީ އެސްޓްރަޒެނެކާގެ ވެކްސިން ޖަހައިގެން ދިމާވާކަމެއް ކަމަށް ބެލެވިގެން ޔޫރަޕްގެ އެތައް ގައުމަކުން އެ ވެކްސިން ޖެހުން ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ.

ހަމަ އެއާއެކު، ޔޫރަޕްގެ ބައެއް ގައުމުތަކުންވަނީ، ވަކި އުމުރަކުން ފެށިގެން ދަށުގެ މީހުންނަށް އެސްޓްރަޒެނެކާގެ ވެކްސިންޖެހުން ހުއްޓާލާފައެވެ.

ނެދަރލޭންޑްސްއިން އިއްޔެވަނީ، އުމުރުން 60 އަހަރުން ދަށުގެ މީހުންނަށް އެ ވެކްސިން ޖެހުން މަޑުޖައްސާލާފައެވެ. ނެދަރލޭންޑްސްއިން ވެކްސިން ޖެހުން ހުއްޓާލީ ބްލަޑް ކްލޮޓުވުމުގެ މައްސަލަ 5 އަންހެނަކަށް ދިމާވުމާއި، އޭގެ ތެރެއިން އެކަކު މަރުވުމާ ގުޅިގެންނެވެ.

ޖަރުމަނުންވެސް މިދިޔަ ހަފްތާގައިވަނީ، އުމުރުން 60 އަހަރުން ދަށުގެ މީހުންނަށް އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ހުއްޓާލާފައެވެ.

ޖަރުމަނުން މިފިޔަވަޅު އެޅީ، ވެކްސިން ޖެހިފަހުން 32 މީހަކަށް ބްލަޑް ކްލޮޓްވުމުގެ މައްސަލަ ދިމާވެ އޭގެ ތެރެއިން 9 މީހަކު މަރުވުމާ ގުޅިގެންނެވެ.

މައްސަލަ ދިމާވި މީހުންގެ ތެރެއިން 2 ކޭސް ފިޔަވައި، ދެން ހިމެނެނީ އުމުރުން 20 އަހަރާއި 63 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ޖަރުމަނުގެ މެޑިކަލް ރެގިއުލޭޓަރ ހާމަކޮށްފައި ވެއެވެ.

މާޗް 19 ވަނަ ދުވަހުން ފެށިގެން ފަރަންސޭސިވިލާތުން ވަނީ، އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ރަނގަޅީ އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ކަމަށް ނިންމާފައެވެ. އެގޮތަށް ނިންމީ، ގަނޑުލޭކޮޅު އުފެދުމުގެ މައްސަލަ ދިމާވަނީ ވެކްސިންޖަހާ ޒުވާނުންނަށް ކަމުގެ ހެކި ލިބިގެން ކަމަށްވެސް ބުނެފައި ވެއެވެ.

ގަނޑުލޭކޮޅު އުފެދުމުގެ ކަންބޮޑުވުންތަކާ ގުޅިގެން، އުމުރުން 55 އަހަރުން ދަށުގެ މީހުންނަށް އެސްޓްރަޒެނެކާ ވެކްސިން ޖެހުން މިދިޔަ ހަފްތާގެ ހޯމަދުވަހު ކެނެޑާއިންވެސް ވަނީ ހުއްޓާލާފައެވެ.

އެސްޓްރަޒެނެކާގެ ވެކްސިނާ ގުޅޭގޮތުން އުފެދުނު ކަންބޮޑުވުންތައް ރިވިއު ކުރުމަށްފަހު ޔޫރަޕިއަން މެޑިސިންސް އޭޖެންސީއާއި، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފަވައިވަނީ، ވެކްސިންގެ ރިސްކަށްވުރެ އޭގެ ފައިދާ މާބޮޑު ކަމަށެވެ.

އެހެންކަމުން، އެ އިދާރާތަކުން ރެކޮމެންޑް ކޮށްފައިވަނީ ވެކްސިން ޖެހުން ކުރިއަށް ގެންދިއުމަށެވެ.

ޔޫރަޕިއަން މެޑިސިންސް އޭޖެންސީން މިދިޔަ ބުދަދުވަހުވެސް ބުނެފައިވަނީ، އެސްޓްރަޒެނެކާގެ ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށެވެ.

އަދި ވަކި އުމުރެއް ނުވަތަ ވަކި ޖިންސަކަށް ނުވަތަ ވަކި ކަހަލަ މެޑިކަލް ހިސްޓަރީއެއް އޮތް މީހުންނަށް ވެކްސިންގެ ސަބަބުން ވަކި ޚާއްސަ ރިސްކެއް އޮތްކަމަށް ނުފެންނަ ކަމަށްވެސް ބުނެފައި ވެއެވެ.