ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ޓީސީ ސްޕޯޓްސް އާއި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބައްދަލުކުރި މެޗުގައި ޓީސީގެ ކެޕްޓަން އައްޒާމް މުހައްމަދުގެ މޮޅު ކުޅުމާއެކު އެޓީމު މޮޅުވެއްޖެއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުން ޓީސީ މޮޅުވީ 0-2 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ގިނަ ހަމަލާތަކެއް އުފައްދާ، ރީތި އެޓޭކިންގ ގޭމެއް ކުޅެފައިވެއެވެ. ޚާއްސަކޮށް ޓީސީގެ ފަރާތުން މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. އެހެންނަމަވެސް ޔޫވީންވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ.

ޓީސީއަށް މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ ލީޑުނަގައިދިނީ މެޗުގެ 30 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން އައްޒާމް އެވެ. މިއީ އޭރިއާ ތެރެއިން ޓީސީގެ ބިދޭސީ ފޯވާޑް، ސެމިއުލް ކޯޑެލް ޑިވޯން އަށް ޔޫވީގެ އަހްމަދު ވިސާމް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ރެފްރީ ވަނީ މި ފައުލަށް ވިސާމް އަށް ރީނދޫ ކާޑެއްވެސް ދައްކާފައެވެ.

ޓީސީގެ ލަނޑަށްފަހު ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ޔޫވީން ވަނީ ކުޅުން ވަރުގަދަކޮށް ޓީސީގެ ގޯލަށް ނުރައްކާކުރަން މަސައްކަތްކޮށްފައެވެ. އެގޮތުން 33 ވަނަ މިނެޓުގައި ޔޫވީގެ ކެޕްޓަން އިސްމާއިލް އީސަ (މެސީ) ނަގައިދިން ހުރަސް، ގޯލް ކުރިމަތިން ހުރަސްވެގެން ދިޔައިރު އެޓީމުގެ ބައްސާމް ހުރީ ބޯޅަ ލިބޭ ހިސާބަށްވުރެ ތަންކޮޅެއް ފަހަތުގައެވެ. އެހެންނަމަވެސް ބޯޅަ އަރިމަތިން ބޭރު ވުމުގެ ކުރިން ބައްސާމް ވަނީ އެބޯޅަ ހޯދާ އަލުން ގޯލް ކުރިމައްޗަށް ހުރަސްކޮށްދީފައެވެ. އެހެންނަމަވެސް ޓީސީގެ ދެކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ބައްސާމް ހުރަސްކޮށްދިން ބޯޅަ، މުޅިން ހުސް ގޯލެއްގެ ތެރެއަށް ވައްދާލަން މެސީއަސް ފުރުސަތު ލިބުނު ނަމަވެސް، މިބޯޅަ ދިއައީ މެސީ ފައިގަ ނުޖެހި ގޯލް ކުރިމަތިން ހުރަސްވެގެން ބޭރަށެވެ.

މިހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަނަމަވެސް ކޮންމެވެސް ވަރަކަށް ދެޓީމުގެ ފަރާތުންވެސް ވަނީ ލަނޑެއް ކާމިޔާބުކުރަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ޓީސީ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ޑީޕީއެލް ފޭސްބުކް ޕޭޖް

ދެވަނަ ހާފުވެސް ދެޓީމުން ފެށީ، ދާދި ހަމަހަމަ ކުޅުމަކާއި އެކުގައެވެ. ދެޓީމުންވެސް މިހާފުގައިވެސް ރަނގަޅުު ހަމަލާތަކެއް އުފައްދަން މަސައްކަތްކުރިއިރު މިހާފުގެ ވަރަށް ކުރީކޮޅު ޓީސީން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. ކައުންޓާ އެޓޭކެއްގައި ޓީސީގެ ފަހަތުން އަމްޖަދު މަތިމަތިން ފޮނުވާލި ބޯޅަ، ސެމީ ސާކަލް ތެރޭގައި ހުރި ޔޫވީގެ ވިސާމްގެ ބޯމަތިން ދިއުމުން އޭނާއަށް ބޯޅަ ލިބުމުގެ ކުރިން އައްޒާމް ވަނީ ބޯޅަ ވިންކޮށް، އޭނާގެ ސްޕީޑް ބޭނުންކޮށްގެން ވަރަށް ރަނގަޅަށް ބޯޅަ ހިފައިގެން ގޮސް ގޯލްގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ. އައްޒާމް މިލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގެ 49 ވަނަ މިނެޓުގައެވެ.

މިލަނޑަށްފަހުވެސް ޓީސީއަސް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެހެންނަމަވެސް މީގެން އެއްވެސް ފުރުސަތެއްގެ ބޭނުން އެޓީމަށް އެންމެ ރަނގަޅަށް ހިފިފައެއް ނުވެއެވެ. އެގޮތުން 52 ވަނަ މިނެޓުގައި އެމިއުލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އަހްނާފް ޑީއޭރިއާ ކައިރިން ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު، އޭގެ މިނެޓެއް ފަހުން އައްޒާމް އަށްވެސް ވަނީ ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗުގައި ތަފާތު މޮޅު ކުޅުމެއްދެއްކި އައްޒާމް އަށްވަނީ ހެޓްރިކް ފުރިހަމަ ކުރުމަށް ވަރަށް ހުސް ފުރުސަތެއްވެސް ލިބިފައެވެ. އެހެންނަމަވެސް 58 ވަނަ މިނެޓުގައި ސެމިއުލް ޖައްސާލި ބޯޅަ މުޅިން ހުސް ގޯލެއްގެ ތެެރެއަށް ފޮނުވާލަން ލިބުނުނަމަވެސް އޭރިއާ ތެރޭގައި ހުރެފައި އައްޒާމް ޖެހި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ޔޫވީގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑުވެސް ދައްކާފައެވެ. އެއީ މެޗުގައި ޓީސީއަށް ދެލަނޑުވެސް ކާމިޔާބުކޮށްދީ އެޓީމު މޮޅުކޮށްދިން އަދި މެޗުގެ މޮޅުކުޅުންތެރިޔާ ކަންވެސް ހޯދި އައްޒާމް އަށް ކުރި ފައުލަކާއި ގުޅިގެން ވިސާމް އަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތް ކާޑެކެވެ.

ޓީސީ އާއި ޔޫވީ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ- ފޮޓޯ:- ޑީޕީއެލް ފޭސްބުކް ޕޭޖް

މެޗުން މޮޅުވެ ޓީސީ ވަނީ ދެ ދަރަޖައިގެ ކުރިއެރުމަކާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނަ އަށް ޖެހިލާފައެވެ. ޓީސީ އަށް ކުޅުނު 11 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު މެޗުގެ ކުރިން ފަސްވަނައިގައި އޮތް އީގަލްްސް އަށް ލިބެނީ 10 މެޗުން 12 ޕޮއިންޓެވެ. ޓީސީ އަށް ކުރިލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މެޗުން ބަލިވި ޔޫވީ އަދިވެސް އޮތީ ޕޮއިންޓް ތާވަލުގެ ފުލުގައެވެ. އެޓީމަށް 11 މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު މިސީޒަނުގައި އަދި ޔޫވީއަށް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.

މި މެޗަށްފަހު ވާހަކަދައްކަމުން ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މި މެޗުގައި ޒުވާން ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި މި މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދައި، ލީގުގައި ކުރިއަށް ދިޔުމަށް ކަމަށާއި، އެގޮތުން ލީގުގައި ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު، މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅުވެގެންދާނެ ކަމަށްވެސް ނިޒާމްބެ ބުންޏެވެ.

ޔޫވީގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނީ މެޗުގައި ޔޫވީގެ ކުޅުން ގޯސް ނޫން ކަމަށާއި، ޔޫވީގެ ކޮޅަށް ވަން ދެ ލަނޑަކީވެސް އަމިއްލައަށް ހެދުނު ގޯސްތަކުން ވަން ދެ ލަނޑު ކަމަށެވެ. އަދި ލީގުގެ މިހާ ހިސާބުން ރެލިގޭޝަނަށް ތައްޔާރުވާން ޖެހޭ ކަމަށް ސާންތި ވަނީ ބުނެފައެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ 21:00 ގައި ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އާއި ހަވީރު ކުޅުނު މެޗަށްފަހު ތާވަލުގެ ހަތްވަނައަށް ވެއްޓުނު ސުޕާ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރާ މެޗު އޮންނާނެއެވެ.