ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވިލިމާލޭ ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވާދަ ކުރައްވާ ފާތިމަތު ނިޒްމާގެ ކެމްޕޭން ރަސްމީކޮށް ފަށައިފިއެވެ.

ނިޒްމާގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މިއަދު ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ނިޒްމާގެ އިތުރުން ޖުމްހޫރި ޕާޓީގެ ނައިބުރައީސް އަދި ކައުންސިލް މެމްބަރު އަހްމަދު ސައުދުއާއި، އެޕާޓީގެ އިސް ތަރުޖަމާނު އަދި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހްގެ އިތުރުން ޕާޓީގެ އިތުރު މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

ނިޒްމާގެ ކެމްޕޭން ފެށުމުގެ ގޮތުން މިއަދު ވަނީ، ވިލިމާލޭގައި ނިޒްމާގެ ޕޯސްޓަރު ހަރުކޮށް، ގޭގެޔަށް ގޮސް ނިޒްމާއަށް ތާއީދު ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ނައިބު ރައީސް ސައުދު ވިދާޅުވީ، ނިޒްމާއަކީ މީގެކުރިން ވިލިމާލޭ ދާއިރާއަށް ކުރިމަތިލެއްވި ބޭފުޅުންނާއި އަޅާބަލާއިރު ފާހަގަކޮށްލެވޭ ކަނބަލެއް ކަމަށެވެ. ނިޒްމާއަކީ ވަރަށް ކެރިގެން ކަންކަމަށް ކުރިމަތިލާ، ގާބިލް ކެނޑިޓޭޓެއް ކަމަށެވެ.

ސައުދު ވިދާޅުވީ، ނިޒްމާގެ އިތުރުން ޖޭޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ އެހެން ކެންޑިޓޭޓުންގެ ކެމްޕޭންވެސް ރަށްރަށުގައި ހިނގަމުންދާނެ ކަމަށެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހް ވަނީ، މީގެކުރިންވެސް ޖޭޕީގެ ކެންޑިޓޭޓުން އިންތިހާބުތައް ކާމިޔާބުކޮށް، ބުރަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރައްވާފައެވެ.

އެގޮތުން އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގެ ގޮނޑިތައް ކާމިޔާބުކޮށް، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ކެންޑިޓޭޓުން، ޕާޓީއަށާއި ގައުމުގެ މަސްލަހަތާއި، ރަށުގެ ތަރައްގީއަށް ކުރަން ޖެހޭ ކޮންމެކަމެއް ކުރައްވާ ކަމަށެވެ.

"ވިލިމާލޭ ދާއިރާއަށްވެސް ޖުމްހޫރީ ޕާޓީގެ ކެނޑިޓޭޓެއް ހޮވުމުގެ މާނައަކީ ޖުމްހޫރީ ޕާޓީން އެމަސައްކަތެއް ކުރާނީ ގައުމީ ވިސްނުމުގައޭ. އެެހެންވީމަ އަޅުގަނޑުމެން މީގެކުރިންވެސް ކައުންސިލް އިންތިހާބާއި، އަދި އެހެނިހެން އިންތިހާބުތަކުގައިވެސް އެއްކޮށް މަސައްކަތް ކުރިނަމަވެސް މިފަހަރު އަޅުގަނޑުމެން މިކުރަނީ އަމިއްލަ ކެމްޕޭނެއް"
ޖޭޕީގެ އިސް ތަރުޖަމާނު އަދި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް

އަލީ ސޯލިހް ވިދާޅުވީ، ޖުމްހޫރީ ޕާޓީން ހޮވޭ ކޮންމެ ބޭފުޅެއްގެވެސް މަސައްކަތަކަށް އަދި ވިސްނުމަކަށްވެސް ވާނީ، ގައުމީ ވިސްނުމެއްގައި ކަންތައްތައް ކުރުން ކަމަށެވެ.

އެހެންކަމުން ނިޒްމާ ހޮވުމުން އޭނަވެސް މަސައްކަތް ކުރާނީ ވިލިމާލޭގެ ތަރައްގީއަށް ކަމަށެެވެ.

ނިޒްމާގެ ޓްރެކް ރެކޯޑު ސާފު ވާނެކަން ފާހަގަކުރައްވާ އަލީ ސޯލިހް ވިދާޅުވީ، އެޕާޓީން ނިކުންނަ ކޮންމެ ކެންޑިޓޭޓަކީވެސް ސާފު ކެނޑިޓޭޓުން ކަމަށެވެ.