ބޮލީވުޑުގައި މިވަގުތު އެކްޝަން ސީންތައް ކުޅެގެން ގިނަ ބައެއްގެ ހިތް ފަތަހަ ކުރަމުންދާ އެކްޓަރު ޓައިގަރ ޝްރޮފްއާއެކު އެކްޝަން ސީންތައް ކުޅުމަކީ ހީކުރިހާ ފަސޭހަކަމެއް ނޫންކަމަށް ބަތަލާ ކްރިތީ ސެނަން ބުނެފިއެވެ.

ކްރިތީ ސެނަން މިކަމާ ގުޅޭޣޮތުން ވާހަކަ ދައްކާފައިމިވަނީ މިވަގުތު ޓައިގަރ އާއެކު ދެމީހުން ކުޅޭ ފިލްމު "ގަންޕަތް" ގެ ޝޫޓިންގްއަށް ށްފަހުއެވެ.

ޓައިގަރއާއެކު އޭނަގެ ފުރަތަމަ ބޮލީވުޑް ފިލްމު ކުޅެފައިވާ ކްރިތީ ސެނަން ބުނެފައިވަނީ ޓައިގަރ ފަދަ ކުޅަދާނަ އެކްޝަން ސީން ކުޅޭ އެކްޓަރަކާއެކު ފިލްމުގެ އެކްޝަން ސީންތައް ޝޫޓްކުރާއިރު އޭނާ ކުޑަކޮށް ޖެހިލުންވެއެވެ.

މިފިލްމުގެ ޝޫޓިންގް ޝެޑިއުލްއަށް ކްރިތީ ވަރަށް ބޮޑަށް އިންތިޒާރުކުރި ކަމަށާއި ޓައިގަރއާއެކު އަނެއްކާވެސް ފިލްމަކުން ފުރުސަތު ލިބުމުން އެކަމާ އޭނާ ވަރަށް އުފާވިކަމަށް ބަތަލާވަނީ ބުނެފައެވެ.

ފިލްމުގައި ޓައިގަރއެކޭ އެއްގޮތަށް އެކްޝަން ސީންތައް ކުޅެން ކްރިތީ ހަމަޖެހިފައި ވާއިރު ކުރިންވެސް އުއްމީދު ކުރިގޮތަށް އެކްޓަރ ޓައިގަރ ޝްރޮފްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާކަމަށް ކްރިތީވަނީ އިންޑިއާގެ މީޑިއާގައި ބުނެފައެވެ.

ޓައިގަރ ކަހަލަ މޮޅު އެކްޓަރަކާއެކު އެކްޝަން ސީންތައް ކުޅުމަކީ ފަސޭހަކަމެއް ނޫންކަމަށްވެސް ކްރިތީވަނީ ބުނެފައެވެ.

ފިލްމު "ގަންޕަތް" ގައި ކްރިތީ ކުޅޭ ރޯލަށް އޭނާވަނީ އޭނާގެ ބަރުދަނުން 11 ކިލޯ ލުއިކޮށްފައެވެ.

މިވަގުތު އެކްޓަރު ވަރުން ދަވަންއާއެކު ކުޅޭ ފިލްމު "ބޭޑިޔާ" ގެ ޝޫޓިންގްގައި ވަރަށް އަވަދިނެތި މަސައްކަތް ކުރަމުން އަންނަ ބަތަލާގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި އެކްޓަރު އަކްޝޭ ކުމާރްއާއެކު ކުޅޭ ފިލްމު "ބައްޗަން ޕާންޑޭ" ހިމެނެއެވެ.

މީގެއިތުރުން އެކްޓަރު ރާޖް ކުމާރް ރާއޯއައެކު ކުޅެން ސޮއިކޮށްފައިވާ "ހަމް ދޯ ހަމާރޭ ދޯ" އަދި ތެލުގޫ ފިލްމު "އަދީޕުރުޝް" ހިމެނެއެވެ.

ކްރިތީއަކީ މިވަގުތު ބޮލީވުޑްގައި އަރަމުން އަންނަ ފާހަގަކޮށްލެވޭ އަންހެން ބަތަލާއިން ގެތެރެއިން ވަރަށް ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ތަރިއެކެވެ. އޭގެތެރޭގައި ފިލްމު "ރާބްތާ"، "ލުއްކާ ޗުއްޕީ"، "ހައުސްފުލް -4" އަދި "ޕާނީޕަތް" ހިމެނެއެވެ.