ލޯކަލް ކައުންސިލް އިންތިޚާބަށް އިންޑިއާ އަދި ސްރީލަންކާއަށް އޮފިޝަލުން ފޮނުވުމުގަ ސަރުކަރުން ދޭންޖެހޭ ހުއްދަތައް އަދިވެސް ނުލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބަށް ކޮމިޝަނުން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ވީނިއުސްއާއި ހިއްސާކުރައްވާ ކޮމިޝަންގެ ރައީސް ވިދާޅުވީ، އިންޑިއާ އަދި ސްރީލަންކާއަށް ފޮނުވަންޖެހޭ އޮފިޝަލުން ފޮނުވުމުގެ ހުއްދަ އަދިވެސް ސަރުކާރުގެ ކަމާބެހޭ އިދާރާތުން ނުދޭ ކަމަށެވެ.

އޮފިޝަލުންގެ ޓިކެޓުވެސް ހަމަޖެހުނީ ވަރަށް ފަހުންކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ހުއްދައަށްއެދި ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށާއި އެެހެންނަމަވެސް މިނިސްޓްރީން އަދި އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.

މިމަހުގެ 6 ވަނަ ދުވަހު ފުރުވާލާގޮތަށް އަދި އޮތީ. އެހެންނަމަވެސް އެއަށް އަދިވެސް އެއްވެސް ޖަވާބެއްނުލިބޭ. ފުރިހަމަ ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. އެއަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ވެދާނެ."
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

ކަންކަން އަވަސްކުރުމަށް ފިނޭންސް މިނިސްޓަރުގެ އަރިހުގައި މިހާރު ވާނީ ދަންނަވާފައި ކަމަށާއި ނިންމަންޖެހޭ ކަންކަން ނިންމުމުގެ މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވި ކަމަށްވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ސްރީލަންކާގައި ހަތަރު ވޯޓު ފޮށްޓެއް ބަހައްޓަން ކޮމިޝަނުން ނިންމާފަވާއިރު އިންޑިއާގައި ބަހައްޓާ ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޓްރިވެންޑްރަމްގައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ކޮވިޑާއި ގުޅިގެން އިންތިޚާބު ބާއްވަން ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކާއެެކު މިމަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިޚާބު ބޭއްވުމަށްޓަަކައި ކޮމިޝަނުން ކުރަން ޖެހުނު ހުރިހާ މަސައްކަތްތަތެއް ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.