މޯލްޑިވްސް ޕޮލިސް ސާރވިސްގެ ސްޕްރިންޓެންޑެންޓް މަގާމަށް ފުރަތަމަ ފަހަރަށް 3 އަންހެނަކު އައްޔަންކޮށްފިއެވެ.

ފުލުހުން ބުނީ، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަށް ބަދަލުކޮށްފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި 3 އޮފިސަރުން ކަަމަށެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް އައްޔަންކޮށްފައި ވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މަރިޔަމް އަޒްމާ އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

މިގޮތުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު ލިބުނު ފާތިމަތު ނަޝްވާ އަކީ އަޕަރ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުގެ މަޤާމު އަދާކުރެއްވި އޮފިސަރެކެވެ. ނަޝްވާ ފުލުހުންގެ ޚިދުމަތުގައި 25 އަހަރު ހޭދަކުރައްފައިވާއިރު މިމުއްދަތުގެ ތެރޭގައި އެޑްމިން އޮފިސަރެއްގެ މަޤާމުން ފެށިގެން ޔުނިޓް ލެވެލްގައާއި ޑެޕިއުޓީ ހެޑްގެ މަގާމާއި ހެޑް އޮފް ޑިޕާރޓްމަންޓްގެ މަޤާމު ފުރުއްވައި އެކި ދާއިރާތަކުން ގިނަ ޚިދުމަތްތަކެއް ވަނީ ކުރައްވާފައެވެ.

މީގެއިތުރުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެއްވި އިޒްމިއާ ޒާހިރަކީ ހެޑް އޮފް އޯގަނައިޒޭޝަނަލް ރީފޯރމް ޑިޕާރޓްމަންޓްގެ މަގާމުގައި ހުންނެވި އޮފިސަރެކެވެ. ފުލުހުންގެ ޚިދުމަތުގައި 16 އަހަރު ހޭދަކުރައްވާފައިވާއިރު، މި މުއްދަތުގައި އެކި ދާއިރާތަކުން ގިނަ މަސައްކަތްތަކެއް ކުރައްވާފަވާ ކަމަށްވެސް ފުލުހުން ބުނެއެވެ. އިޒްމިއާއަކީ ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ އަދި އެކަން އަމަލުން ސާބިތުކޮށްދޭން މަސައްކަތްކުރައްވާ އޮފިސަރެއްކަން ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މަރިޔަމް އަޒުމާއަކީ ފުލުހުންގެ ޚިދުމަތުގައި އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ އެއް އަންހެން އޮފިސަރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިގޮތުން އަޒުމާ 25 އަހަރަށްވުރެ ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައިވާއިރު، ސްޕްރިންޓެންޑެންޓްގެ މަގާމަށް ޢައްޔަންކުރެވުނުއިރު، އަޒުމާ ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ޑިވިޝަން ކޮމާންޑަރުގެ މަގާމުގައެވެ. އަޒުމާ މާސްޓާރސް ފެންވަރަށް ތަޢުލީމު ހާޞިލުކުރައްވާފައިވާއިރު، އަޒުމާ ފާހަގަކުރެވިފައިވަނީ ހިތްވަރުގަދަ ކެރޭ އޮފިސަރެއްގެ ގޮތުގައިކަން ފުލުހުން ވަނީ ފާހަގަކުރެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތަށް 88 އަހަރު ފުރުނު މުނާޞަބާ ފާހަގަކޮށްފައިވާއިރު، މިއަހަރަކީ ފުލުހުންގެ ޚިދުމަތުގައި ދެމިތިބި އަންހެން އޮފިސަރުންނަށްވެސް ޚާއްސަ އަހަރެއްގެ ގޮތުގައި ވަނީ ވެފައެވެ.