އެމްޑީޕީ ނޫން އެހެން އެއްވެސް ޕާޓީއެއްގެ ކެންޑިޑޭޓަކަށް ތާއީދެއް ނެތްކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރެއްވި ތިން ބޭފުޅުންގެ ތާއީދު އޮތްކަމަށް އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ލަތީފް ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދު ކުރެއްވި ޓްވީޓުގައި ވަނީ އެމްޑީޕީ ނޫން އެހެން އެއްވެސް ޕާޓީއެއްގެ ކެންޑިޑޭޓަކަށް އެމަނިކުފާނުގެ ތާއީދެއް ނެތް ކަމަށާއި އައްޑޫ ސިޓީގެ ހުރިހާ ވޯޓެއް އެމްޑީޕީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

އައްޑޫ ސިޓީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އައްޑޫގެ ކުރިމަގާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން އެމްޑީޕީގެ ތަސައްވުރަކީ އައްޑޫ ސިޓީގެ ތަސައްވުރެއް ކަމަށާއި ފެނާއި ނަރުދަމާ، ބަނދަރާއި މަގުތަކާއި ކަރަންޓުގެ ވާހަކައިގެ އިތުރަށް މަދަރުސާގެ ވާހަކައަކީ ދައްކަން ބޭނުންނުވާ ވާހަކަތަކެއް ކަަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އައްޑޫ އަކީ އިންޑިއާ ކަނޑުގެ މެދުގައި އޮވެ މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔެއިން އެދޭ ޖަވާބު ފޯރުކޮށްދޭ ސިޓީ އަކަށްވާން ނުޖެހޭ ސަބަބެއް ނެތް ކަމަށާއި އެގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމެންޓެއް އައްޑޫގައި ފުޅާކުރެވި، އެ ޑިޕާޓްމެންޓަކީ ދުނިޔޭގެ އެތައް މިތަނުން ދަރިވަރުން އަންނަ ޑިޕާޓްމެންޓަކަށް ހެދުމަށް މިސްރާބު ހިފުމަކީ ބޭރު ދުނިޔެ އާއި އައްޑޫ ގުޅުވާލުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.