ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުން، ޑަ ގްރާންޑޭ އަތުން މުހިންމު މޮޅެއް ހޯދާ، ގްރީން ސްޓްރީޓްސް އިން ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުން ގްރީން މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅު ދަ ގްރާންޑޭއިން ވަރުގަދަ، އެޓޭކިންގ ގޭމެއް ކުޅުނު ނަމަވެސް ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި އެޓީމުގެ ކެޕްޓަން، އަޙްމަދު ވިޖްދާނު (ވިޖުއްކޮ) އަށް ރެފްރީ ރަތްކާޑެއް ދެއްކި ހިސާބުން އެޓީމަށް މައްސަލަތަކަކާއި ކުރިމަތިލާން ޖެހުނެވެ. ވިޖުއްކޮ އަށް ރެފްރީ ރަތްކާޑު ދެއްކީ، ކައުންޓަރ އެޓޭކެއްގައި ގްރީން ސްޓްރީޓްސްގެ ކީޕަރު ހަނީފް ސާގިބް ފޮނުވާލި ބޯޅައެއް ވަރަށް ރަނގަޅަށް ހޯދާ، މުޅިން ހުސްކޮށްހުރެ އެޓީމުގެ އަންޞާރު އިބްރާހީމް (އަންކޮ) ދާން މަސައްކަތްކުރަނިކޮށް، ފަހަތުން ވިޖުއްކޮ އޭނާއަށް ފައުލްކުރުމާއި ގުޅިގެންނެވެ.

ރަތްކާޑާއެކު ދަ ގްރާންޑޭގެ ޑިފެންސްލައިނުގައި ވިޖުއްކޮ ނެތްތަން ވަރަށް ބޮޑަށް ފެނިގެންދިޔައިރު، ގްރީން ސްޓްރީޓްސް އިންވަނީ އެކަމުގެ ފައިދާ ވަރަށް ރަނގަޅަށް ނަގާފައެވެ.

ރަނގަޅު ހަމަލާތަކެއް އުފައްދަމުންދިޔަ ގްރީން ސްޓްރީޓްސް އިން މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައެވެ. އަބްދުﷲ ޔާމީން ތަނަވަސްކޮށްދިން ފުރުސަތަކުން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ނަޒީމް (ޗޯޓު) އެވެ. ގޯލާއި ދިމާލަށް ޗޯޓު ބޯޅަ ފޮނުވާލިއިރު އޭނާއަށް ހުރަސްއެޅުމަށް، ދަ ގްރާންޑޭގެ ދެ ކުޅުންތެރިއަކު ދިޔައީ މަސައްކަތް ކުރަމުންނެވެ.

ކުޅުންތެރިއަކު މަދުކޮށް ކުޅުނުނަމަވެސް މަޑުމަޑުން ގޭމުގެ ތެރެއަށްވަދެ، ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރަމުންދިޔަ ދަ ގްރާންޑޭއަށް އިތުރު ނުތަނަވަސްކަމަކާއި ކުރިމަތިލާން ޖެހުނީ، ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް، ރެފްރީ އާއި ހުތުރުބަހުން މުއާމަލާތުކުރި ކަމަށްބުނެ، އެޓީމުގެ އަލީ އިފާޒަށް ރެފްރީ ރަތްކާޑެއް ދެއްކި ހިސާބުންނެވެ. ދެވަނަ ރަތްކާޑާއެކު ދަ ގްރާންޑޭގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ރެފްރީގެ ނިންމުމާއިމެދު ނުރުހުން ފާޅުކޮށްފައެވެ.

ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- އެފްއޭއެމް

ދެކުޅުންތެރިން މަދުކޮށް ދެވަނަ ހާފާއި ދަ ގްރާންޑޭ ކުރިމަތިލިނަމަވެސް އެޓީމުން ވަނީ ގްރީން ސްޓްރީޓްސް އާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދީފައެވެ. އެހެންނަމަވެސް މުޅި މެޗުގައިވެސް އެންމެ ހަތަރު ހަމަލާ އުފެއްދި ދަ ގްރާންޑޭއަށް ގޯލާއި އަމާޒުކޮށް، އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. އެއާ ހިލާފަށް ގްރީން ސްޓްރީޓްސް ވަނީ ޖުމްލަ 11 ހަމަލާއެއް އުފައްދާ، އޭގެތެރެއިން ތިން ހަމަލާއެއް ގޯލާއި އަމާޒުކޮށްފައެވެ.

ގްރީން ސްޓްރީޓްސް އިން އެޓީމުން މެޗުގައި ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށް، ލީޑު ފުޅާކުރީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މިލަނޑު ކެޕްޓަން ރިލްވާން ވަހީދުގެ އެހީތެރިކަމާއިއެކު ކާމިޔާބުކޮށްދިނީ މުޙައްމަދު ރިޝްވާނެވެ. ރިޝްވާން މެޗުގައި ކުޅެން އަރާފައިވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައެވެ.

މެޗަށްފަހު ބޭއްވި ޕޯސްޓް މެޗް ކޮންފަރެންސް ގައި ދަ ގްރާންޑޭގެ ކޯޗް، އިސްމާޢީލް މަހަފޫޒް (އިންމަ) ވަނީ އެޓީމުގެ އިފާޒު ރެފްރީ އާއި ހުތުރުބަހުން މުއާމަލާތް ނުކުރާކަމަށްބުނެ، އޭނާއަށް ދެއްކި ރަތްކާޑާއި މެދު ސުވާލު އުފައްދާފައެވެ.

މީގެއިތުރުން ގްރީން ސްޓްރީޓްސްގެ ކޯޗު، އަލީ ނިސްތާރު މުޙައްމަދު ބުނީ، ދަ ގްރާންޑޭގެ ދެ ކުޅުންތެރިންނަށް ރަތްކާޑު ދެއްކުމާއެކު، ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން މެޗު ފަސޭހަކޮށްލިތަން ފެނުން ކަމަށް ބުނެފައެވެ. އަދި ދަ ގްރާންޑޭގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް، ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން އުފެއްދި ހަމަލާތައް ދިފާއުކުރުމުގައި ދެއްކި ހުޝިޔާރު ކަމާއި، މެޗުގައި ދެއްކި މޮޅު ކުޅުމަށް، ނިސްތާރު ވަނީ ތައުރީފު ކޮށްފައެވެ.

މި މެޗުގެ މޮޅު ކުޅުންތެެރިއަކަށް ހޮވިފައިވަނީ ގްރީން ސްޓްރީޓްސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ނަގައިދިން ހަސަން ނަޒީމް (ޗޯޓު) އެވެ.

ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާ- ފޮޓޯ:- އެފްއޭއެމް

މެޗުން މޮޅުވެ، ތާވަލުގެ ތިންވަނައަށް ގްރީން ސްޓްރީޓްސް ޖެހިލީ ކުޅުނު 11 މެޗުން ލިބުނު 17 ޕޮއިންޓާއެކުއެވެ. އަދި ތާވަލުގެ ހަތަރުވަނައަށް ދަ ގްރާންޑޭ ވެއްޓުނުއިރު، އެ ޓީމަށް 11 މެޗުން ލިބިފައިވަނީ 16 ޕޮއިންޓެވެ. ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ އެންމެ ފަހުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. އެކުލަބަށް ކުޅުނު 11 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް 10 މެޗުން ވަނީ 18 ޕޮއިންޓް ލިބިފައެވެ.