ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުން، ފަހުވަގުތު ނިއުކާސަލް ޔުނައިޓެޑުން ވަރުގަދަ ޓޮޓެންހަމް ހޮޓްސްޕަރ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ކުޅުނު މިމެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް ޓޮޓެންހަމުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ޝޯން ލޯންގްސްޓާފް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޖޯލިންޓަން އެވެ.

އެހެންނަމަވެސް އޭގެ ދެމިނެޓުފަހުން އިތުބާރު ފޯވާޑް، ހެރީ ކޭން ވަނީ ޓޮޓެންހަމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި ޖެހިގެން އައި ހަތަރުމިނެޓުގެ ތެރޭގައި ކޭން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ޓޮޓެންހަމަށް ފުރަތަމަ ފަހަރަށް މެޗުގައި ލީޑުނަގާދީފައެވެ.

މި ނަތީޖާ އާއިއެކު ދެވަނަ ހާފާއި ޓޮޓެންހަމުން ކުރިމަތިލީ މެޗުން މޮޅުވެވޭނެކަމުގެ ބޮޑު ޔަގީން ކަމަކާއިއެކުއެވެ. ނަތީޖާއަކަށްވީ މެޗު މާބޮޑަށް ފަސޭހަކޮށްލެވި ބައިކޮޅަށް އިތުރު ލަނޑެއް ވަދެ، ނިއުކާސަލް އިން މެޗުގެ ނަތީޖާ އަލުން އެއްވަރު ކުރުމެވެ. މިލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސްމިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ، އާސެނަލް އިން ލޯން އެއްބަސްވުމެއްގެ ދަށުން ނިއުކާސަލް އަށް ބަދަލުވި ޖޯސެފް ވިލޮކް އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޓޮޓެންހަމްގެ ކޯޗު، ޖޯސެފް މޮރީނިއޯ ބުނީ، މެޗުގައި މިސްޓޭކެކޭ ބުނެވޭނެ ޖާގައެއް ނެތް އެތައް ގޯސްތަކެއް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކަމަށެެވެ. މިއީ މެޗަށް ތައްޔާރު ނުވެވިގެން ނުވަތަ ފަރިތަކުރުންތަކުގައި ހުރި މައްސަލަތަކަކާއި ގުޅިގެން ހެދޭ ގޯސްތަކެއް ނޫން ކަމަށާއި މިއީ ކުޅުންތެރިންގެ ގައިގައި އަށަގެންފައި ހުރި ބައެއް ނޭދެވޭ ކަންތައްތަކެއްގެ ސަބަބުން ހެދޭ ގޯސްތަކެއް ކަމަށްވެސް މޮރީނިއޯ ވަނީ ބުނެފައެވެ.

ޓޮޓެންހަމްގެ ކޯޗް، ޖޯސެފް މޮރީނިއޯ- ފޮޓޯ:- ގެޓީ އިމޭޖަސް

މެޗުން ތިން ޕޮއިންޓު ގެއްލި ޓޮޓެންހަމަށް ވަނީ ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލުގެ ގަދަ ހަތަރަކަށް އެރުމަށް ލިބުނު ފުރުސަތު ގެއްލިފައެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ހަވީރު، ވެސްޓް ބްރޮމްވިޗް އެލްބިއަން އަތުން ޗެލްސީ ބަލިވުމުން ޓޮޓެންހަމަށް ވަނީ ނިއުކާސަލް އަތުން މޮޅުވެގެން، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ ހަތަރުވަނައަށް އެރުމުގެ ފުރުސަތު ލިބިފައެވެ. އެހެންނަމަވެސް މެޗު އެއްވަރުވެ ޓޮޓެންހަމް އަދިވެސް އޮތީ ތާވަލުގެ ފަސްވަނައިގައި ކުޅުނު 30 މެޗުން ލިބުނު 49 ޕޮއިންޓާއި އެކުގައެވެ. ޗެލްސީ ހަތަރުވަނައިގައި އޮތީ 30 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލުގެ އެއްވަނައިގައި މެންޗަސްޓަރ ސިޓީ އޮތީ 31 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ.