ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ބްރައިޓަން އެންޑް ހޯވް އެލްބިއޮން އަތުން، ލީގުގެ ގަދަބާރު މެންޗަސްޓަރ ޔުނައިޓެޑް ހަނި މޮޅެއް ހޯދައިފިއެވެ.

ތިއޭޓަރ އޮފް ޑްރީމްސްގެ ނަމުން މަޝްހޫރުވެފައިވާ ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެޓީމު މޮޅުވީ 1-2 ގެ ނަތީޖާ އަކުންނެވެ.

މެޗުން ޔުނައިޓެޑް މޮޅުވި ނަމަވެސް ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބްރައިޓަން އެވެ. މިލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކުރިން ޔުނައިޓެޑަށް ކުޅެފައިވާ ފޯވާޑް، ޑެނީ ވެލްބެކް އެވެ.

ނިއުކާސަލްގެ ލަނޑަށްފަހު ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް، ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް، ފުރަތަމަ ހާފު ނިމުނީ ބްރައިޓަން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފާއި ޔުނައިޓެޑް ކުރިމަތިލީ މޮޅުވުމުގެ އަޒުމުގައި ރަނގަޅު އެޓޭކިންގ ގޭމަކާއި އެކުގައެވެ. ނަތީޖާއަކަށްވީ މިހާފު ފެށިގެން 17 ވަނަ މިނެޓުގައި އެކުަލަބުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑު ބްރޫނޯ ފެރްނާންޑޭޒްގެ އެހީތެރިކަމާއިއެކު ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް، މާކަސް ރަޝްފޯޑް އެވެ.

މެޗުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު، މެޗު ނިމެން ހަތްމިނެޓަށްވެފައި ވަނިކޮށް، ތަޖުރިބާކާރު މިޑްފީލްޑަރ، ޕައުލް ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ މޭސަން ގްރީންވުޑް އެވެ.

ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މިމޮޅާއެކު ޔުނައިޓެޑުން ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ޔުނައިޓެޑަށް ކުޅުނު 30 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ލެސްޓަރ ސިޓީއަށް 30 މެޗުން ލިބެނީ 56 ޕޮއިންޓެވެ. އަދި ޔުނައިޓެޑް އަތުން ބަލިވި އޮތީ ތާވަލުގެ 16 ވަނައިގައި 30 މެޗުން 32 ޕޮއިންޓާއި އެކުގައެވެ.