ސްޕެނިޝް ލަލީގާގައި، ސެވިއާ އަތުން ލީގު ތާވަލުގެ އެއްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް ބަލިވެ، ލީގު ޓައިޓަލްގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ.

ސެވިއާގެ ދަނޑުގައި ކުޅުނު މިމެޗު، ވާދަވެރި ކުޅުމަކަށްފަހު ސެވިއާ އިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ދެޓީމުގެ ފަރާތުންވެސް ލަނޑުޖަހާނެ ގިނަ ހަމާތަކެއް އުފައްދާފައިވާއިރު، މެޗުގެ ޕޮސެޝަން ޑޮމިނޭޓް ކުރީ ސެވިއާއިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 70 ވަނަ މިނެޓުގައި ސެވިއާއަށް ކާމިޔާބުކޮށްދިނީ މާކޮސް އަކޫނާ އެވެ. މިއީ ޖިސުސް ނަވާސްގެ އެހީތެރިކަމާއިއެކު އަކޫނާ ކާމިޔާބުކުރި ލަނޑެކެވެ.

އެތްލެޓިކޯ އާއި ސެވިއާ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުންވެސް ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައިވެސް ޕެނަލްޓީ އަކުން ސެވިއާއަށް ވަނީ ލަނޑެއް ޖެހުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. އެހެންނަމަވެސް ލޫކަސް އޮކަމްޕޮސް ފޮނުވާލި ޕެނަލްޓީ، އެތްލެޓިކޯގެ ކީޕަރު، ޖާން އޮބްލަކް ވަނީ ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ.

މެޗުން ބަލިވެ އެތްލެޓިކޯ މެޑްރިޑް އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތީ އެންމެ ތިން ޕޮއިންޓުގެ ފަރަގެކެވެ. އަދި ހޯމަ ދުވަހުގެރޭ ބާސެލޯނާ އިން ރެއާލް ވަލަޑޮލިޑް އާއި ދެކޮޅަށްކުޅޭ މެޗުން މޮޅުވެއްޖެނަމަ، ބާސާ އާއި އެތްލެޓިކޯ އާއި ދެމެދުއޮތް ފަރަގު، އެންމެ ޕޮއިންޓަކަށް ކުޑަވާނެއެވެ. އެތްލެޓިކޯ މެޑްރިޑުން 29 މެޗުން 66 ޕޮއިންޓް ހޯދާފައިވާއިރު ބާސާއަށް އެއްމެޗު މަދުން ކުޅެ، 62 ޕޮއިންޓް ލިބިފައިވެއެވެ. އެތްލެޓިކޯ އަތުން މޮޅުވި ސެވިއާއަށް 29 މެޗުން ލިބެނީ 58 ޕޮއިންޓެވެ. ލީގުގައި ކޮންމެ ޓީމެއްވެސް ކުޅޭނީ 38 މެޗެވެ.

ވެލެންސިއާ އާއި ކާޑިޒް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން ނަސްލީ ތަފާތުކުރުމުގެ މައްސަލައަކާއި ގުޅިގެން ބޮޑެތި މައްސަލަތަކަކާއި ކުރިމަތިވި ވެލެންސިއާ އާއި ކާޑިޒް ބައްދަލުކުރި މެޗު، 1-2 އިން ކާމިޔާބުކުރީ ކާޑިޒް އެވެ. މެޗު ހޫނުވެ ވެލެންސިއާ ދަނޑުން ފޭބީ، ފުރަތަމަ ހާފުގައި ކާޑިޒްގެ ހުއާން ކާލާ، ވެލެންސިއާގެ ޑިއަހަބީ އާއި ނަސްލީ ގޮތުން ދިމާކުރިކަމަށް ބުނެއެވެ. އަދި ފަހުން ވެލެންސިއާ މެޗު ފުރިހަމަކުރަން ނިންމީ، ކުލަބުގެ އަގު ހިފެހެއްޓުމުގެ ގޮތުން ކަމަށާއި، ނަސްލީ ތަފާތުކުރުން އެއްވެސް ގޮތަކަށް ބަލައިނުގަނެވޭނެކަމަށް އެކުލަބުގެ ރަސްމީ ޓުވިޓާ ހޭންޑަލް އިން ކުރި ޓުވީޓެއްގައި ހާމަކޮށްފައި ވެއެވެ.

މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ކާޑިޒް އަށް ކާމިޔާބުކޮށްދިނީވެސް ނަސްލީގޮތުން އެހެން ކުޅުންތެރިއަކަށް ދިމާކުރިކަމަށް ތުހުމަތުކުރެވުނު ހުއާން ކާލާ އެވެ. އެހެންނަމަވެސް އޭގެ ފަސް މިނެޓުފަހުން ކެވިން ގަމެއިރޯ ވަނީ ވެލެންސިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުން ކާޑިޒް މޮޅުވި ލަނޑު، މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކޮސް މައުރޯ އެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ކާޑިޒް އޮތީ ޕޮއިންޓް ތާވަލުގެ 13 ވަނައިގައި، ކުޅުނު 29 މެޗުން 32 ޕޮއިންޓު ހޯދައިގެންނެވެ. ކާޑިޒް އަތުން ބަލިވި ވެލެންސިއާ އޮތީ ތާވަލުގެ 12 ވަނައިގައި 29 މެޗުން އެއް ޕޮއިންޓް އިތުރުަށް ހޯދައިގެންނެވެ.

ލީގުގައި މިރޭ 00:00 ގައި، ބާސެލޯނާ އާއި ރެއާލް ވަލަޑޮލިޑް ބައްދަލުކުރާމެޗު ކުޅޭނެއެވެ.