ކުރިއަށްއޮތް މަދު ދުވަސްތަކުގެ ތެރޭގައި ފުލުހުންނާއި ކައުންސިލްތައް ގުޅިގެން މަސައްކަތްކުރާނެ އޮނިގަނޑުތައް ހެދޭނެކަމަށް މިނިސްޓަރ އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިހެން ވިދާޅުވީ އދ.އޮމަދޫ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާޓުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އުސޫލުތަކާއި, ގަވާއިދުތަކުގެ ތެރެއިން ލަސްތަކެއްނުވެ އޮނިގަނޑު ހަމަޖެހިގެންދާނެ ކަމަށާއި އެމަސައްކަތުގައި އެލްޖީއޭއާއި, ކައުންސިލްތަކާއި, ފުލުހުންނާއެކުގައި މަޝްވަރާ ކުރެވި, އުފެދިގެންދާ ގަވާއިދުތަކަކީ ރަށުގެ އަމާން ވެއްޓަކަށް މަގުފަހިކުރުމަށް އެންމެ މުހިއްމު އެއްކަންތައް ކަމަށެވެ.
ފުލުހުންގެ އައު ގާނޫނަށް އަމަލުކުރަން ފެށުމަކީ ފުލުހުންގެ މުއައްސަސާއަށާއި, ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެއީ ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށްވެސް ލިބުނު ބޮޑު ކުރިއެރުމެއްކަމަށާއި މިޚިދުމަތް ފުޅާކުރުމަށްޓަކައި މިއެޅުނު ބިންގަލުގެ މައްޗަށް އަތޮޅުތެރޭގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ވަރަށްބޮޑު އަމާޒެއް ހިފާފައިވާކަމަށެވެ.
އަތޮޅުތެރޭގެ ވެށި އެކުލެވިގެންވަނީ ހަގީގަތުގައިވެސް ވަރަށް އަމާން ސުލުހަވެރި ވެއްޓެއްގެ ގޮތުގައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ދާދިފަހުން އަންނަންފެށި ބައެއް ބަދަލުތަކާއެކު ޚާއްސަކޮށް މަސްތުވާތަކެތި ފުޅާދާއިރާއެއްގައި ފެތުރި އެކަމާ ގުޅިގެން އުފެދިގެންދާ ކުށްތަކަކީ ރަށްރަށުން ފެނުމަށް ރައްޔިތުން ނޭދޭ އެކަމަކު ކޮންމެވެސް ވަރަކަށް ފެންނަމުންދާ ކަންކަން ކަމަށެވެ.
އެކަމުން މުޖުތަމައު ސަލާމަތްކުރުމަށް ފުލުހުން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން މުހިއްމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ޚާއްސަކޮށް މިއަދު ލާމަރުކަޒީ އުސޫލުތައް ހަމަޖެހިގެންދާގޮތުން ކައުންސިލްތަކުން ފުލުހުންނަށް ދެވޭ އެއްބާރުލުމަކީ ރަށުގެ ކުށުގެ ވެށި ހަމަޖެހި, އަމާން ސުލުހަވެރި ވެއްޓަކަމަށް ވުމަށްޓަކައި ވަރަށް މުހިއްމުކަމެއް ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.