މެމްބަރުން ދާއިރާތަކަށް ވަޑައިގެންނެވި ނަމަވެސް، މަޖިލީހުން އެދިއްޖެނަމަ އޮންލައިންކޮށް މަޖިލީހުގެ ބައްދަލުވުން ނުވަތަ ކޮމިޓީތަކުގައި ބައިވެރިވެވަޑައިގަންނަވަން ވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މެމްބަރުން ތަމްސީލުކުރައްވާ ދާއިރާތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ، ރަސްމީ ދަތުރުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމެވުމާއި ގުޅިގެންނެވެ.

އެގޮތުން މެމްބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން މަޖިލީހުގެ އާންމު ކޮމިޓިން ގޮތްތަކެއް ކަނޑައަޅާފައިވާކަމަށާއި، މަޖިލީހުގެ ގަވާއިދަށް ރިޔާއަތްކޮށް، މަޖިލީހުގެ މެމްބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކެއްކަމަށް ކަނޑައެޅިދާނެކަމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި މަޖިލީހުގެ މެމްބަރުން ކުރައްވާ ދަތުރުފުޅުތަކުގެ މައުލޫމާތާއެކު، އެކަން ލިޔުމުން ދަތުރުކުރުމުގެ ހުއްދަ ހޯއްދެވުމަށް މަޖިލީހުގެ އިދާރާގައި އެދިވަޑައިގަންނަވަންވާނެކަމަށާއި މެމްބަރުން ކުރައްވާ ދަތުރުފުޅުތައް ކުރައްވަން ވާނީ މަޖިލީހުން އެކަމަށް ހުއްދަ ލިބިގެންކަމަށް ކޮމެޓީން ވަނީ ނިންމަވާފައެވެ.

ހުއްދަ ލިބިގެން ދަތުރުކުރައްވައިފިނަމަ އެއީ ރަސްމީ ދަތުރުފުޅެއްކަމަށް މަޖިލީހުން ކަނޑައަޅުއްވާނެ ކަމަށާއި މެމްބަރުން ދާއިރާއަށް ވަޑައިގަތް ނަމަވެސް، މަޖިލީހުގެ ޖަލްސާގެ ހާޒިރީއާއި ކޮމިޓީގެ ހާޒިރީގައި އެ މެމްބަރަކު ރަސްމީ ދަތުރެއްގައި ހުންނެވިކަން އެނގޭގޮތަށް ފާހަގަ ޖަހަންޖެހޭނެ ކަމަށްވެސްް އާންމު ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ކެމްޕެއިން ކުރުމަށްޓަކައި އެ މެމްބަރަކު ނިސްބަތްވެވަޑައިގަންނަވާ ދާއިރާއަކަށް ވަޑައިގަންނަވަން ބޭނުންފުޅުވެއްޖެ ހާލަތެއްގައި އެކަން ކުރުމަށް މަގުފަހިކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމެވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގައެވެ.