ކިންގް ސަލްމާން މިސްކިތަށް އިތުރަށް ބޭނުންވާ ސާމާނު ނުލިބޭތީ މިސްކިތުގެ ބޭނުން ރަމަޟާން މަހުވެސް ނުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ކިންގް ސަލްމާން މިސްކިތް ރަމަޟާނަށް ބޭނުންކުރަން ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން މީގެކުރިން ބުނިމަވެސް ރަމަޟާންމަހު އެމިސްކިތް ބޭނުން ނުކުރެވޭނެކަން އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވުމާއި ގުޅިގެން ވީނިއުސްއިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ މިސްކިތަށް އިތުރަށް ބޭނުންވާ ސާމާނު ނުލިބޭތީ މިސްކިތުގެ ބޭނުން ރަމަޟާން މަހުވެސް ނުހިފޭނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ސައުންޑް ސިސްޓަމަ ފަދަ ހުރިހާ ވަސީލަތްތަކެއް ހަމައަށް ލިބިފައި ހުރި ނަމަވެސް އިތުރު އެެހެން އެއްވެސް އެއްޗެއް މިސްކިތުގައި ނެތް ކަމަށެވެ.
މިސްކިތަށް ބޭނުންވާ ސާމާނު ހޯދަނީ ވަކިން ޕްރޮޕޯސަލެއް ހަދައިގެން ކަމަށާއި މިސްކިތުގެ ބޭނުން އާންމުން ކުރަން ފެށުމާއެކު ފޮޅާސާފުކުރުމުގެ މަސައްކަތް އިތުރަށް ކުރަންޖެހޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިސްކިތް ހުޅުވާއިރު މިސްކިތުގެ ބޭނުން އާންމު ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތް ހަދަންވާނެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިސްކިތް ހުޅުވޭތޯ ސަރުކާރުން ބެލި ކަމަށެވެ.
މިސްކިތަށް ބޭނުންވާ ބައެއް ސާމާނު ނުލިބުމުގެ ސަބަބުން ރަމަޟާނަށް ކިންގް ސަލްމާން މިސްކިތް ބޭނުން ނުކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވި އިރު ރަމަޟާންމަސްތެރޭ ކިންގް ސަލްމާން މިސްކިތުގެ ބޭނުންކުރެވޭތޯ މަޝްވަރާކުރައްވަމުންގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ކިންގް ސަލްމާން މިސްކިތުގެ ހުރިހާ މަސައްްކަތެއް ގާތްގަނޑަކަށް ހުރީ ނިމިފައި ކަމަށާއި ސައޫދީ އަރަބިއްޔާއިން، އެތަނުގެ އިސްބޭފުޅުން ވަޑައިގެން މިސްކިތް ހުޅުވާގޮތަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ކަމަށެވެ.
ރަމަޟާން މަހު ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ މަޝްވަރާ ކުރައްވާ ކަމަށް ރައީސް ވިދާޅުވިއިރު މިސްކިތް ހުޅުވުން ލަސްވަނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެންކަމަށް ޕްލޭނިން މިނިސްޓްރީންވެސް ވަނީ ބުނެފައެވެ.
އެގޮތުން ކޮވިޑް-19 ގެ ހާލަތު ދިމާވިއިރު ސަރުކާރުން ދިޔައީ ކިންގް ސަލްމާން މިސްކިތް ހުޅުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭގޮތުން ސައުދީ ސަރުކާރާ ވާހަކަ ދައްކަމުންދާކަން ފާހަގަކޮށް ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ މިދިޔައަހަރު މާޗް މަހުގައި މިސްކިތް ހުޅުވުމަށް ރާވައި މަސައްކަތް ކުރިކަމަށާއި އެހެން ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މިހާރު އެކަން ވަނީ ލަސްކުރެވިފައި ކަމަށެވެ.
ސައުދީ ސަރުކާރުގެ ބޮޑު އެހީއެއްގެ ދަށުން އެއްފަހަރާ 6000 މީހުންނަށް ނަމާދުކުރެވޭގޮތަށް ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް "ކިންގް ސަލްމާން" ގެ ނަމުން ނަންދެއްވައި، މިސްކިތެއް އަޅުމުގެ މަޝްރޫއު އިފްތިތާހްކުރީ 24 ފެބްރުއަރީ 2016 ގައެވެ.