ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖަހަން ފެށިފަހުން ހޮސްޕިޓަލުތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ޅ. ފެލިވަރުގެ ކްލަސްޓާއި ގުޅިގެން ފެލިވަރުގެ އިތުރރަށް ނައިފަރާއި ހިންނަވަރު، ކުރެންދޫ އަދި އޮޅުވެލިފުށި މޮނިޓަރިންގެ ހާލަތުގައި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ހާސްކަމާ ބިރުވެރިކަން އުފެދިފައިވާކަމަށް ބުނެ ނައިފަރު ދާއިރާގެ މެމްބަރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެމްބަރުގެ ކުއްލި މައްސަލައާއިއެކު ރައީސް ނަޝީދު ވަނީ މަޖިލީހުގެ އަމީންއާންމު މެދުވެރިކޮށް ޅ. އަތޮޅު ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯދަމުންދާ މީހުން މައުލޫމާތު ހޯއްދަވާފައެވެ.

އެގޮތުން ޅ.އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްވެގެން މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުންދާ އެއްވެސް މީހެއް ނެތްކަން ފާހަގަކުރައްވާ މެމްބަރު ޝިޔާމް ހުށަހެޅުއްވި މައްސަލައިގެ ދިފާއުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެޗްޕީއޭއިން ކޮވިޑުގަ އަބަދުވެސް ފާހަގަކުރަމުން އައީ ނުކުތާއަކީ ގައިދުރުކުރުމާއި، ފިޔަވަޅުތައް އަޅަން ޖެހެނީ ހޮސްޕިޓަލުތަކަށް މީހުން ގެންދާ އަދަދު ގިނަވެ ސިއްހީ ޚިދުމަތްދޭން ތިބޭ މީހުންނަށް އެ ޚިދުމަތް ފޯރުކޮށްނުދެވިދާނެ ކަމުގެ ބިރުގައި ކަމަށެވެ.

އެހެންނަމަވެސް މިހާރު ވެކްސިން ޖަހަން ފެށުމާއެކުގަ ފާހަގަވަމުންދާ އެއްކަމަކީ ހޮސްޕިޓަލަށް ކޮވިޑުގެ ރޯގައިގައި މީހުން އެޑްމިޓްކުރާ ވަރު މަދުވެފައިވާކަން."
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މެމްބަރު ޝިޔާމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ މި ހާލަތުގައިވެސް ޅ އަތޮޅު ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ ނިޒާމެއް ގާއިމުވެފައި ނެތްކަމަށާއި، ސާމްޕަލްގެ ނަތީޖާއަށް ރައްޔިތުން އެތައް ދުވަހަކު އިންތިޒާރުކުރަންޖެހޭ ކަމަށެވެ.

އަތޮޅު ހޮސްޕިޓަލުތަކުގަ މަސައްކަތްކުރަން ތިބޭ މީހުންނަކީ ގާބީލް މީހުންނަށް ވާން ޖެހޭ ކަމަށާއި މިފަދަ ޕެންޑަމިކެއްގައި އަތޮޅު ހޮސްޕިޓަލްތައް ސަލާމަތްކުރަންޖެހޭ ކަމަށްވެސް އެ ކުއްލި މައްސަލާގައިވެއެވެ.

ކެމްޕެއިނާ ދިމާކޮށްފަ ކުންފުނިތަކުން އަޅުގަނޑަށް މިފެންނަނީ ކުންފުނިތަކުގަ ސްޓްރަކްޗަރ އިރާލާފަވެސް މީސްމީހުންނަށް ވަޒީފާދޭތަން. މިވަގުތު ކުންފުނިތަކުން އެދޭ ވަޒީފާތަކަކީ ގާތްގަނޑަކަށް 7 ދުވަހުގެ ވަޒީފާއެއް. ފެލިވަރުގައި ޕޮޒިޓިވް ކޭސްތައް ވަރަށް ގިނަ. ބައެއް ބޯޓުފަހަރުގަ ޕޮޒިޓިވްވެފައިތިބި މީހުން އައިސޮލޭޓްކޮށްފަވެސް އެބަތިބި."
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

ޅ. އަތޮޅުގެ ރައްޔިތުން މިހާލަތުން އަރައިގަތުމަށްޓަކައި ރައްޔިތުންނަށް ސަރުކާރުން ހާއްސަ އެހީތެރިކަމެއް ފޯރުކޮށްދިނުމަށާއި އެގޮތުން ސަރުކާރުގެ އިހުމާލުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ބޮޑު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށްވެސް މެމްބަރު ވަނީ އެދިވަޑައިގެންފައެވެ.