ފްރާންސްގައި ކޮވިޑްގެ ނުރައްކާ ބޮޑުވެ، ކޭސްތައް ފެންނަ މިންވަރު ބޮޑުވުމާއި ގުޅިގެން، ފްރެންޗް އޯޕަން ޓެނިސް މުބާރާތް ފަސްކުރަން ޖެހިދާނެކަމަށް ފްރާންސްގެ ސްޕޯޓްސް މިނިސްޓަރ، ރޮކްސާނާ މަރަޗިނީނޫ ވިދާޅުވެއްޖެއެވެ.

ފްރާންސްގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު އިންތިހާއަށް މަތިވުމާއި ގުޅިގެން އެގައުމުން ވަނީ ހޮނިހިރު ދުވަހު މުޅި ގައުމު ލޮކްޑައުން ކޮށްފައެވެ. އަދި ފްރާންސްގެ ރައީސް، އިމެނުއަލް މެކްރޯން ވަނީ މި ލޮކްޑައުން އުވާލެވޭނެ ކަމަށް ގަބޫލުކުރެވެނީ މޭމަހުގެ މެދުތެރޭގައިކަންވެސް ހާމަކޮށްފައެވެ.

މި މުބާރާތް ބާއްވަން ތާވަލުކުރެވިފައިވަނީ ރޮލޭންޑް ގެރޯސްގައި މޭމަހުގެ 23 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ކޮލިފައިންގ މެޗުތަކަށް ކުޅުމަށް ޝެޑިއުލް ކޮށްފައިވަނީ މުބާރާތް ފެށުމުގެ ހަފްތާއެއް ކުރިންނެވެ. ފާއިތުވީ އަހަރުގައިވެސް މިމުބާރާތް ވަނީ ކޮވިޑްގެ ސަބަބުން ފަސްކުރެވިފައެވެ.

ފްރާންސްގެ ސްޕޯޓްސް މިނިސްޓަރ ރޮކްސާނާ އެގައުމުގެ މީޑިއާއަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ، މުބާރާތާއި ބެހޭގޮތުން، ފްރާންސްގެ ޓެނިސް ފެޑެރޭޝަނާއި މަޝްވަރާކުރަމުންދާ ކަމަށާއި، ކުޅިވަރުގެ މައި ހުރިހާ މުބާރާތްތައްވެސް އަލުން ފެށޭނެ ހާލަތެއް އައުމުން ފްރެންޗް އޯޕަން މުބާރާތްވެސް ފަށަން މަސައްކަތްކުރުމަށް އެދިފައި ވާނެކަމަށެވެ.

ފްރާންސްގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑުތަނުން ގޯސްވެފައިވާއިރު އެގައުމުގައި ދުވާލެއްގެ މައްޗަށް 5000 މީހުނަށް ހޮސްޕިޓަލް ތަކުގެ އައިސީޔޫ ގައި ފަރުވާދެމުން އަންނަކަމަށް ރެކޯޑް ކުރެވިފައިވާއިރު، ހުކުރު ދުވަހު އެގައުމުން 46677 (ސާޅީސް ހަހާސް، ހަސަތޭކަ ހަތްދިހަ ހަތެއް) މީހުން ބައްޔަށް އަލަށް ޕޮޒިޓިވް ވެފައިވާއިރު 304 މީހަކު މިބަލީގައި މަރުވެފައިވާކަމަށް އެގައުމުން ވަނީ ރިޕޯޓްކޮށްފައެވެ.