ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި، ސްޕެއިންގެ ގަދަބާރު، ރެއާލް މެޑްރިޑާއި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލް ބައްދަލުކުރާ މެޗުގައި، ރެއާލަސް ކުޅެމުން އަންނަ ބެލްޖިއަމް ފޯވާޑް، އެޑެން ހަޒާޑް ކުޅުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ސްޕެއިންގެ ކުޅިވަރު މީޑިއާއިން ބުނާގޮތުގައި ހޯމަ ދުވަހު ރެއާލް އިން ބޭއްވި ފަރިތަކުރުންތަކުގައި ހަޒާޑް ބައިވެރިވެފައިވާއިރު، މެޗުގައި ކުޅުމާއިމެދު ފަހުބަސް ބުނުން އޮތީ ހަޒާޑްގެ އަތް މަތީގައިކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މާޗް މަހުގެ މެދުތެރޭގައި އަނިޔާގެ ސަބަބުން ކުޅުމާއި ދުރަށްދާން ޖެހުނު ހަޒާޑް، ނިމުނު ހަފްތާގެ ހުކުރު ދުވަހުން ފެށިގެން ފަރިތަކުރުންތަކުގައި ބައިވެރިވަމުން އަންނައިރު، ލިވަޕޫލް އަކީ ހަޒާޑް އިދިކޮޅަށް ކުޅެން އެންމެ ބޭނުންވާ އެއް ޓީމެވެ. އޭނާ ވަނީ ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު 18 މެޗުގެ ތެރެއިން ހަމެޗުން މޮޅުވެ، އަށް މެޗުން އެއްވަރުވެފައެވެ. އަދި މިމެޗުތަކުން ޖުމްލަ ހަތް ލަނޑު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން މެޗުގައި ހަޒާޑް ފެނިގެންދިޔަނަމަވެސް އޭނާ ކުޅޭނީ ގާތްގަނޑަކަށް 10 މިނެޓާ 15 މިނެޓާއި ދެމެދުގެ ވަގުތަކަށެވެ. އެހެންނަމަވެސް އަނިޔާއިން އެއްކޮށް ރަނގަޅުވެއްޖެކަން މެޑިކަލް ޓީމާއި ހަޒާޑް މަޝްވަރާކުރުމަށްފަހު ނިންމައިފިނަމަ، އަދި މެޗުގައި ފުރިހަމަ ކުޅުމެއް ދެއްކޭނެކަމުގެ ޔަގީންކަމެއް އަމިއްލައަށް ހަޒާޑަށް ދެވިއްޖެނަމަ، މެޗުގައި ކޯޗް ޒައިނެއްދީން ޒިދާން އެއަށްވުރެ ގިނަވަގުތު ހަޒާޑް ކުޅުމުގެ ފުރުސަތު ދޭނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ހަޒާޑްގެ އިތުރުން އަނިޔާގައި ހުރި ފެޑޭ ވަލްވަރްޑޭ ވެސް އަނިޔާއިން ރަނގަޅުވެ މިހާރު ފަރިތަކުރުންތަކުގައި ބައިވެރިވަމުން އެބައާދެއެވެ. އެހެންކަމުން މިއީ ޒިދާންއަށް، ޓީމު އެކުލަވާލުމުގައި ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނެއެވެ.