2020 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އދ. އަތޮޅަށް، މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް، އަހްމަދު މަހްލޫފް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން، ދިއްދޫގައި ވޮލީ ކުޅޭނެ ކޯޓެއް އެޅުމަށްވީ ވަޢުދު ފުއްދަވާ، އެރަށުގައި އެޅި ހިތްގައިމު ވޮލީ ކޯޓުގެ މަސައްކަތް ނިންމާލައިފިއެވެ.

މީގެ ގާތްގަނޑަކަށް އަހަރުދުވަސް ކުރިން އެރަށަށް ކުރެއްވި ދަތުރުފުޅަކަށްފަހު މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެރަށުގެ އަންހެން އަދި ފިރިހެން ބޭފުޅުންގެ އެންމެ ބޮޑު އެދުމަކީ ވޮލީ ކޯޓްގެ މައްސަލަ ހައްލުކޮށްދިނުން ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެކަން ހަމަޖެހިގެންދާނެ ކަމަށްވެސް މިިނިސްޓަރ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން މިނިސްޓަރ ވަނީ އެރަށުގައި ވޮލީ އަށް މޮޅު ކުޅުންތެރިންތަކެއް ތިބިކަންވެސް ފާހަގަކުރައްވާފައެވެ.

ދިއްދޫގައި އެޅި އައުޓްޑޯ ވޮލީބޯޅާ ކޯޓުގެ މަސައްކަތް ކުރިއަށްދިޔައީ އެ ރަށު ކައުންސިލުން އިޢުލާންކޮށްގެން، ޓްރިޕަލް އެއިޓް ކުންފުންޏާ ހަވާލުކޮށްގެންނެވެ. މި ކޯޓުގެ މަސައްކަތް ނިމުނުއިރު، ކޯޓުގައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓުވެސް ވަނީ ހަރުކޮށްފައެވެ.

ދިއްދޫ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި ކޯޓުގެ މަސައްކަތަށް ގާތްގަނޑަކަށް ދެ ލައްކަ ރުފިޔާ ވަނީ ޚަރަދުވެފައެވެ. އެގޮތުން އެންމެ ފުރަތަމަ މި ކޯޓުގެ މަސައްކަތަށް ކުޅިވަރާ ބެހޭ ވުޒާރާއިން 165،000 (އެއް ލައްކަ ފަސްދޮޅަށް ފަސް ހާސް) ރުފިޔާގެ ބަޖެޓެއް އެކުލަވާލިއިރު، ފަހުން ކޯޓުގައި ކާޕެޓް އެޅުމަށް 30،000 (ތިރީސް ހާސް) ރުފިޔާ ވަނީ ޚަރަދުވެފައެވެ. އަދި އެ ހުރިހާ ހޭދައެއްވެސް ކޮށްފައިވަނީ ކުޅިވަރާ ބެހޭ ވުޒާރާއިން ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތުދެއެވެ.

ދިއްދޫ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ނިމުނުކަން ހާމަކުރައްވާ މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވަނީ، މި މަސައްކަތް ފުރިހަމަ ކަމާއިއެކު ނިންމާލުމަށް ރަށުގެ ކައުންސިލާއި، ރައްޔިތުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި ފަހަކަށް އައިސް، އަތޮޅުތެރޭގައި އެޅިގެންދާ މިފަދަ ފާހަގަކޮށްލެވޭ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމްކޮށްދެއްވުމަށްފަހު މިނިސްޓަރ ބޭނުންކުރައްވަމުން ގެންދަވާ "ކޯވަރެއް" ހޭޝްޓެގް، މި ޓުވީޓުގައިވެސް މިނިސްޓަރ ވަނީ ބޭނުންކުރައްވާފައެވެ. "ކޯވަރެއް" ހޭޝްޓެގަކީ، މިސަރުކާރުގެ ފާއިތުވީ ދުވަސްތަކުގައި ކުޅިވަރުގެ ތަރައްގީއަށް ސަރުކާރުން ކޮށްދެއްވާފައިވާ ކަންތައްތަކަކީ، ކުރިއަށް އޮތް ދުވަސްތަކުގައި ކޮށްދެއްވަން ހުރި ކަންކަމާއި އަޅާ ބަލާއިރު އަދި "ކޯރެއްގެ ކޯވަރެއް" ކަން ހާމަކޮށްދިނުމުގެ ގޮތުން ބޭނުންކުރައްވަމުން ގެންދަވާ ހޭޝްޓެގެކެވެ.

ދިއްދޫގައި އައުޓްޑޯ ވޮލީބޯޅަ ކޯޓު އެޅުމުގެ މަސައްކަތް ނިންމާލިއިރު، މީގެ ކުރިން ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ރ. ކިނަޅޮހާއި، އއ. އުކުޅަސް އަދި ކ. ހުރާގައި އައުޓްޑޯ ވޮލީބޯޅަ ކޯޓު އަޅާފައެވެ. އެހެންކަމުން ރާއްޖޭގެ ހަތަރު ރަށެއްގައި މިހާތަނަށް އައުޓްޑޯ ވޮލީބޯޅަ ކޯޓު އަޅާފައިވާއިރު، ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށް ކުޅިވަރާ ބެހޭ ވަޒީރު އިސްނަންގަވައިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.