އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރާއި ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ތެރެއިން ރާއްޖޭގައި ކުޅޭ މެޗުތަކުގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި އޭޑީކާ ހަމަޖައްސާ އެފަރާތާއެކު އެމްއޯޔޫ އެއްގައި ސޮއެކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވުނު ރަސްމިއަޔާތެއްގައި ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފަރާތުން މި އެމްއޯޔޫގައި ސޮއެ ކުރެއްވީ އެއިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) އެވެ. އަދި އޭޑީކޭގެ ފަރާތުން އެމްއޯޔޫގައި ސޮއެކުރެއްވީ އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ، އަހްމަދު އަފްޢާލް އެވެ.

މި އެމްއޯޔޫގެ ދަށުން އޭޑީކޭ ހޮސްޕިޓަލުން އޭއެފްސީ ކަޕުގައި ރާއްޖޭގައި ކުޅޭ މެޗުތަކަށް މެޑީކަލް އެސިސަޓަންސް ދޭއިރު، ރާއްޖޭގެ ފުޓުބޯޅަ ސީޒަން ނިމުމާއި ހަމައަށްވެސް އޭޑީކޭގެ އެހީތެރިކަން ލިބޭނެ ކަމަށް، އެފްއޭއެމް އިން މައުލޫމާތު ދެއެވެ.

މި އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން ނިންމީ ކޮވިޑް-19 ގެ ހާލަތުން އަދި މިހާތަނަށް އެއްކޮށް އަރައިގަނެވިފައި ނުވާތީއެވެ. ރާއްޖެއިން މެޗުތައް ހޯސްޓުކުރުަމަށް ބިޑު ކާމިޔާބުކުރި ގްރޫޕް ޑީގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާއަށާއި އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

ކޮލިފައިންގ ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ކޮލިފައިންގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދި އީގަލްސްއެވެ. އެގޮތުން ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާ އީގަލްސް ވާދަކުރަން ޖެހޭއިރު، އެ މެޗު ކުޅޭނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ. އަދި އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.

ކޮލިފައިންގ ގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ކްލަބް އީގަލްސް އާއި ބޫޓާނުގެ ތިމްޕޫ ސިޓީ ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ހަވީރު މާލޭގައެވެ.