ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި، ޕްރިމިއަރ ލީގުގެ ޗެމްޕިއަން ލިވަޕޫލް ބައްދަލުކުރާ ފުރަތަމަ ލެގަށް އެކުލަވާލި ސްކޮޑުގައި، އުންމީދުކުރި ގޮތާއި ހިލާފަށް ތަޖުރިބާކާރު ފޯވާޑް، އެޑެން ހަޒާޑު ނުހިމަނާ ސްކޮޑް އިއުލާން ކޮށްފިއެވެ.

ހުކުރު ދުވަހުން ފެށިގެން ރެއާލްގެ ފަރިތަކުރުންތަކުގައި ހަޒާޑް ބައިވެރިވަމުން އަންނައިރު، ސްޕެއިންގެ މީޑިއާއިން ވަނީ މިމެޗުގައި ހަޒާޑް ފެނުމުގެ ފުރުސަތު ބޮޑުކަމަށް ރިޕޯޓް ކޮށްފައެވެ.

އެހެންނަމަވެސް ހޯމަ ދުވަހު، ސްކޮޑް އިއުލާންކުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރެއާލްގެ ކޯޗް ޒައިނެއްދީން ޒިދާން ބުނީ، ހަޒާޑް އަށް އަދި ވަގުތު ބޭނުންވާކަމަށާއި، މެޗަށް ފުރިހަމައަށް ފިޓު ނުވަނިސް ކުޅުމުގައި ކުޅުންތެރިއަކު ބައިވެރިކޮށް އިތުރު ރިސްކެއް ނަގަން ބޭނުންނުވާ ކަމަށެވެ. މީގެއިތުރުން ޒިދާން ބުނީ، ހަޒާޑްގެ އިންޖަރީއާއި، އަދި އޭގެ ފަރުވާގެ ކަންކަން ފުރިހަމަ ކުރުމަށް ބޭނުންވަނީ މަޑުމަޑުން، އެކަށީގެންވާ ވަގުތުދީގެން ކަމަށާއި، ހަޒާޑް ކުޅުމުގެ ތެރެއަށް އެނބުރި އަންނާނީ ކޮންއިރަކުންކަމާއި މެދު ފަހުން ވާހަކަދައްކާނެ ކަމަށެވެ.

ހަޒާޑް އެންމެފަހުން ރެއާލް އަށް މެޗެއް ކުޅެފައިވަނީ ނިމުނު މާޗް މަހުގެ 13 ވަނަ ދުވަހު ލަލީގާގައި ރެއާލް އިން އެލްޗޭގެ މައްޗަށް 1-2 އިން ކުރިހޯދި މެޗުގައެވެ. އެހެންނަމަވެސް ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ހަޒާޑުގެ އުނަގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ކުޅުމާއި ދުރަށްދާން ޖެހިފައިވާކަން އެކުލަބުން މެޗަށްފަހު ވަނީ ހާމަކޮށްފައެވެ.

ހަޒާޑަށް މެޗުގައި ނުކުޅެވުނުނަމަވެސް ރެއާލްގެ ކޯޗް، ޒިދާންއަށް ލިބިގެންދިޔަ އެއް ހިތްހަމަޖެހުމަކީ އަނިޔާގައި ހުރި އިތުބާރު މިޑްފީލްޑަރ، ފެޑެރިކޯ ވަލްވަރްޑޭ އަނިޔާއިން ރަނގަޅުވެ މިމެޗުގައި ކުޅެވުމެވެ. ވަލްވަރްޑޭ އަށް އަނިޔާވެފައިވަނީ މާޗް މަހުގެ 20 ވަނަ ދުވަހު ރެއާލް އިން ޗެލްޓާ ވިގޯ އާއި ދެކޮޅަށްކުޅެ މޮޅުވި މެޗުގައެވެ.

ރެއާލް އިން އެކުލަވާލާފައިވާ 21 ކުޅުންތެރިންގެ ސްކޮޑް ލިސްޓް- ފޮޓޯ:- ރެއާލް މެޑްރިޑް

ރެއާލް އާއި ލިވަޕޫލްގެ ކުރިމަތިލުމެއް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައެވެ. މިމެޗު 1-3 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރެއާލް މެޑްރިޑެވެ. އަދި އޭގެ ކުރިންވެސް މިދެޓީމު އެންމެފަހުން ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްފައިވަނީ ރެއާލް އެވެ. ލިވަޕޫލްއަށް އެންމެފަހުން ރެއާލް މެޑްރިޑް ބަލިކުރެވިފައިވަނީ 2009 ވަނަ އަހަރުއެވެ.

މެޗާއި ކުރިމަތިލާއިރު ލިވަޕޫލަށްވެސް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ. މިދެޓީމު ވާދަކުރާ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު ކުޅޭނީ އަންގާރަ ދުވަހުގެރޭ 00:00 ގައެވެ.