ސްޕެނިޝް ލަލީގާގައި ހޯމަ ދުވަހުގެރޭ ލީގުގެ ގަދަބާރު، ބާސެލޯނާ އާއި ރެއާލް ވަޔަޑޮލިޑް ބައްދަލުކުރި މެޗުގައި، އެންމެ ފަހުވަގުތު ޒުވާން ފޯވާޑް، އޮސްމާނޭ ޑެމްބެލޭ ކާމިޔާބުކޮށްދިން ލަނޑުން، ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން ބާސާ މޮޅުވީ 0-1 ގެ ނަތީޖާ އަކުންނެވެ.

މެޗު ފެށިގެން ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ދެޓީމުންވެސް ވަނީ ލަނޑެއްޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މިހާފުގައި ދެޓީމުގެ ކުޅުންތެރިންގެ ހަމަލާތަކެއްވެސް ވަނީ އިދިކޮޅު ޓީމުގެ ގޯލްގެ ދަނޑިއަށް އަމާޒުވެފައެވެ.

ބާސާއަށް މެޗުގައި ލަނޑެއް ކާމިޔާބުނުކުރެރި ހާސްކަމެއްގައި ކުޅެމުންދަނިކޮށް އެޓީމަށް ހިތްހަމަޖެހުމެއް ލިބުނީ ދެވަނަ ހާފުގައި، މެޗުގެ 79 ވަނަ މިނެޓުގައި ރެއާލް ވަޔަޑޮލިޑްގެ ޕްލާނޯ އަށް ރެފްރީ ރަތްކާޑެއް ދެއްކުމާއެކުގައެވެ. މޮޅު ކުޅުމެއް ދައްކަމުންދިޔަ ވަލަޑޮއިޑަށް މެޗުގައި މައްސަލަތަކަކާއި ކުރިމަތިލާން ޖެހުނީ އެހާހިސާބުންނެވެ. ޕްލާނޯ އަށް ރަތްކާޑު ދެއްކީ ޑެމްބެލޭ އަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.

ވަޔަޑޮލިޑަށް އެއްކުޅުންތެރި މަދުކޮށް ކުޅެންޖެހުމުން ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނުއިރު ބާސާއިން ވަނީ އެކަމުގެ ފައިދާ ވަރަށް ރަނގަޅަށް ނަގާފައެވެ. އެގޮތުން ބާސާއިން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއަކަށްވީ މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި އެކުލަބުން މެޗުގައި ފުރަތަމަ ފަހަރަށް ލަނޑެއް ކާމިޔާބުކޮށް މެޗު ކާމިޔާބުކުރުމެވެ. ރޮނާލްޑް އަރައުހޯގެ އެހީއާއިއެކު އޭރިއާ ތެރެއިން ލިބުނު ފުރުޞަތަކުން މި ލަނޑު ބާސާއަށް ކާމިޔާބުކޮށްދިނީ ޑެމްބެލޭ އެވެ.

މި މޮޅާއެކު އެތްލެޓިކޯ އާއިދެމެދު އޮތް ފަރަގު ބާސާއިން ޕޮއިންޓަކަށް ކުޑަކުރިއިރު ބާސާ އޮތީ ކުޅުނު 29 މެޗުން ލިބުނު 65 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯއަށް 29 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 29 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ.

ލީގު ޓައިޓަލްގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ދެވަނައިގައި އޮތް ބާސާ އާއި ތިންވަނައިގައި އޮތް ރެއާލް މެޑްރިޑް ވާދަކުރާ އެލް ކްލެސިކޯ މެޗް، އަންނަ ހޮނިހިރު ދުވަހުގެރޭ އޮންނާނެއެވެ.