އިންޑިއާގެ މުމްބާއީގެ އިތުރުން ވެރިކަންކުރާ ނިއުދިއްލީގައިވެސް ކޮވިޑް-19 ގެ ނުރައްކާ އިންތިހާއަށް ބޮޑުވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާއިރު ބޮލީވުޑުގެ ގިނަ ފަންނާނުންތަކެއް ބައްޔަށް ޕޮޒިޓިވްވެ ގިނަ ފިލްމުތަކެއް ހުއްޓުމަކަށް އަތުވެއްޖެއެވެ.

މިދިޔަ މަހުން ފެށިގެން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ޕޮޒިޓްވް ވެފައިވާއިރު މިމަސްތެރޭވެސް އިތުރު ތަރިންތަކެއްވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި، އާމިރު ޚާން، ރަންބީރް ކަޕޫރު، ގޯވިންދާ، އާލިއާ ބަޓް، ބޫމީ ޕަދްނެކަރ، އަކްޝޭ ކުމާރު އަދި ވިކީ ކޯޝަލްގެ އިތުރުން ފިލްމު ޔޭހޭ ޗާހަތޭންގެ އެކްޓަރު އަބްރާރް ގާޒީ ހިމެނެއެވެ.

ހިންދީ ސިނަމާގެ ގިނަ ތަރިންތަކެއް މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ޓީވީ ސިލްސިލާތައް ކުޅޭ ގިނަ ތަރިންތަކެއްވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

އެގޮތުން ޓީވީ ބަތަލާ ކަނީކާ މަން އަދި ސޮނާލީ ޖައްފަރް އިއްޔެވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް ބުނެފައެވެ.

ދާދިފަހުން ލަވަކިޔުންތެރިޔާ އަދި މަޝްހޫރު ޓީވީ ޝޯވް ހޯސްޓް އަދިތްޔާ ނާރަންއާ އޭނާގެ އަންހެނުންވެސްވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ބޮލީވުޑްގެ ގިނަ ތަރިންތަކެއް ކޮވިޑްގެ ޝިކާރައަކަށް ވަމުންދާ މިދަނޑިވަޅުގައި އިންޑިއާގެ ފެޑެރޭޝަން އޮފް ވެސްޓަރން އިންޑިއާ ސައިން އެމްޕްލޮއީސް (އެފް.ޑަބްލިޔު.އައި.ސީ) އިންވަނީ ފިލްމު ޝޫޓިން ޔުނިޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވީހާވެސް ބޮޑަށް މަދުކުރުމަށް އިރުޝާދުދީފައެވެ.

މުމްބާއީގެ ފިލްމު އިންޑަސްޓްރީގެ މުވައްޒަފުންގެ ޔޫނިއަން ގްރޫޕް (އެފް.ޑަބްލިޔު.އައި.ސީ) ގެ ރައީސް ބީ.އެން ތިވާރީ ބުނެފައިވަނީ ބޮލީވުޑްގެ ވަރަށް ގިނަ ތަރިންތަކެއްވަނީ ބޭނުންވާވަރަށް ވުރެ ގިނަ އަދަދަކަށް މުވައްޒަފުން ފިލްމު ސެޓުތަކަށް ގެނެސްގެން މަސައްކަތްކުރަން ފަށާފައެވެ.

އެހެންނަމަވެސް ކުރިއަށް އޮތް ތަނުގައި މިކަމަށް ވަރަށް ބޮޑަށް އެމީހުން ފިޔަވަޅު އަޅާނެ ކަމަށާއި ޚާއްސަ ގަވައިދުތަކެއް އެމީހުން ނެރޭނެ ކަމަށްވެސް އެ ފެޑެރޭޝަންއިންވަނީ ބުނެފައެވެ.

މިދިޔައަހަރުވެސް ބޮލީވުޑްގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ވަރަށްގިނަ ފަރާތްތަކަށް ފިލްމު އަދި ޝޫޓިންގް ސެޓުތަކަށް ވީހާވެސް މަދު މުވައްޒަފުން ނެރުމަށް ވަނީ ގޮވާލާފައެވެ.