ޕްރިމިއަރ ލީގުގައި ހޯމަ ދުވަހުގެރޭ ވުލްވާހެމްޕްޓަން ވޮންޑަރާސް (ވުލްވްސް) ބަލިކޮށް ވެސްޓް ހޭމް ޔުނައިޓެޑުން ޕޮއިންޓް ތާވަލުގެ 4 ވަނައަށް ޖެހިލައިފިއެވެ.

ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗު ވެސްޓް ހޭމް ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި ވެސްޓް ހޭމްގެ ތިން ލަނޑުވެސް އެޓީމުން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑުނަގައިދިނީ ލޯން އެއްބަސްވުމެއްގެ ދަށުން މެންޗަސްޓަރ ޔުނައިޓުން ވެސްޓް ހޭމަށް ބަދަލުވެފައިވާ ޖެސޭ ލިންގާޑެވެ. މި މެޗުގައި ލިންގާޑުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައި ވެއެވެ.

ވެސްޓް ހޭމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި މަސުއާކޫގެ އެހީތެރިކަމާއިއެކު ކާމިޔާބުކޮށްދިނީ ޕަބްލޯ ފޯނަލްސް އެވެ. އަދި އެޓީމުގެ ފަހު ލަނޑު، އަދި މެޗުން މޮޅުކޮށްދިން ލަނޑު ލިންގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ޖެރޮޑް ބޮވެން އެވެ.

އެހެންނަމަވެސް ވުލްވްސް އިންވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހާފައެވެ. ފުރަތަމަ ހާފުގެ ފުރަހަމަވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް މިލަނޑު ކާމިޔާބުކޮށްދިނީ ޑެންޑޮންކާއެވެ. އަދި ވުލްވްސްގެ ދެވަނަ ލަނޑު ދެވަނަ ހާފުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަބިއޯ ސިލްވާ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ވެސްޓްހޭމްގެ ކެޕްޓަން މާކް ނޯބްލް ބުނީ މިސީޒަނަކީ ޓީމަށް ކާމިޔާބު ސީޒަނަކަށް ވުމަށް އުންމީދުކުރާ ކަމަށާއި، ލީގުގައި ބާކީ އަށް މެޗުގެ ކުޅުން އޮތްއިރު، ތާވަލުގެ ހަތަރުވަނައިގައި ޓީމު އޮތުން މިއީ، ލީގުގެ ގަދަބާރެއްގެ ގޮތުގައި ވެސްޓް ހޭމް ބަލައިގަންނަން ޖެހޭނެ ސަބަބެއް ކަމަށެވެ.

މެޗުން ހޯދި ތިން ޕޮއިންޓާއެކު ވެސްޓް ހޭމަށް ތާވަލުގެ ހަތަރުވަނަ ލިބެނީ ކުޅުނު 30 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނައިގައި ޗެލްސީ އޮތީ 30 މެޗުން 51 ޕޮއިންޓާއެކުގައެވެ. އަދި ވެސްޓް ހޭމް އަތުން ބަލިވި ވުލްވްސް އަށް 14 ވަނަ ލިބެނީ 35 ޕޮއިންޓާއެކުގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި މެންޗަސްޓަރ ސިޓީ އޮތީ 31 މެޗުން 74 ޕޮއިންޓް ހޯދައިގެންނެވެ.