ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު ކްރިސްޓަލް ޕެލަސް އާއި އެވަޓަން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މިމެޗުގައި އެވަޓަންގެ ފުރަތމަ 11 އަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން އެފްއޭ ކަޕްގައި މެންޗަސްޓަރ ސިޓި އަތުން އެވަޓަން ބަލިވި މެޗުގައި ކުޅުނު އެލަން އާއި، ބެން ގޮޑްފްރޭގެ އިތުރުން ސިގާޑްސަން އާއި ޖޮއާއޮ ވާޖީނިއާގެ ބަދަލުގައި ކޯޗް، ކާލޯސް އެންޗެލޯޓީ ފުރުސަތު ދީފައިވަނީ މައިކަލް ކީން، ހަމޭސް ރޮޑްރިގޭޒް، ޓޮމް ޑޭވީސް އަދި ރޮބާޓް އޯލްސަން އަށެވެ.

މެޗުން މޮޅުވެ ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލުމުގެ ފުރުަސަތު އެވަޓަން އިން ނަގާލިއިރު މެޗުގައި ދެޓީމުގެ ފަރާތުންވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައި ވެއެވެ.

އެހެންނަމަވެސް މެޗުގައި ޖެހި ދެލަނޑުވެސް ފެނިގެންގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް އެވަޓަން އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 11 ވަނަ މިނެޓުގައި ސީމަސް ކޯލްމަންގެ އެހީތެރިކަމާއިއެކު ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް، ހަމޭސް ރޮޑްރިގޭޒް އެވެ.

ކްރިސްޓަލް ޕެލެސް އިން މެޗުގެ ނަތީޖާ ހަމަހަމަކޮށް ޕޮއިންޓެއް ކަށަވަރުކުރި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މިޗީ ބަޓްޝުއާއި އެވެ.

މިނަތީޖާއާއިއެކު އެވަޓަން ތާވަލުގެ އަށްވަނައިގައި އޮތީ ކުޅުނު 29 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ކްރިސްޓަލް ޕެލަސް އަށް ތާވަލުގެ 12 ވަނަ ލިބެނީ އިތުރަށް އެއްމެޗު ކުޅެ 38 ޕޮއިންޓް ލިބިގެންނެވެ.