އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުން އަތޮޅުތަކަށް ފުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މިއަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ހަރަކާތްތެރިވާ ފުލުހުން އަތޮޅުތަކަށް ފުރަން ފަށާފައިވާ ކަމަށެވެ.

ވޯޓު ކަރުދާސްތަކާއެކު އަތޮޅުތަކަށްދާ ފުލުހުން މިއަދު ހެނދުނު މާލެއިން ފުރަން ފަށާފައިވާއިރު، މިއަދު ފުރާފައިވަނީ ހއ، ށ، ނ، ރ، ބ އަދި ޅ. އަތޮޅުގެ ރަށްތަކަށްދާ ފުލުހުން ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.

އަދި އެހެން އަތޮޅުތަކަށްދާ ފުލުހުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ ރަށަކަށް ފުލުހުން ގޮސް ނިމޭނެ ކަމަށާއި އަތޮޅުތަކަށް ފުލުހުން ފުރަން ފަށާފައިވަނީ ޕީސީއާރު ޓެސްޓް ހެދުމަށްފަހު، ނަގަންޖެހޭ ހުއްދަތައް ނެގުމަށްފަހުގައި ކަމަށްވެސް ފުލުުހުން ބުނެއެވެ.

އަދި ފުލުހުން ގާއިމްވެ ތިބި ރަށްރަށުގެ އިތުރުން މިފަހަރުގެ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓުފޮށި ބަހައްޓާ ކޮންމެ ރަށެއްގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެކަން ފާހަގަކޮށް ފުލުހުން ބުނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި ރަށްރަށަށް ދިއުމަށްޓަކައި ފުލުހުންގެ ޓީމެއް ކޮންމެ ޑިވިޝަނެއްގައި ވަނީ ގާއިމްކޮށްފައި ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ގޮތުން ފުލުހުން ދުރާލާ ތައްޔާރީތައް ވެފައިވާއިރު، އިންތިޚާބާ ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނަށް ކޮމާންޑަރާއި ޑެޕިއުޓީ ކޮމާންޑަރުންވެސް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން އިންތިޚާބުގެ ސެކިއުރިޓީ ކޮމާންޑަރަކަށް ކަނޑައަޅާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދުއެވެ.

އަދި ޑެޕިއުޓީ ކޮމާންޑަރަކަށް ކަނޑައަޅާފައިވަނީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲއެވެ.