މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، ކުޅިވަރުގެ އެންމެ ބޮޑު އިވެންޓް ކަމަށްވާ ޓޯކިޔޯ އޮލިމްޕިކްސްގައި، ނޯތު ކޮރެއާ ބައިވެރިނުވާން ނިންމާފައިވާކަން އެގައުމުން ހާމަކޮށްފިއެވެ.

މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ގޭމްސްގައި އެގައުމުން ބައިވެރިނުވާން ނިންމީ، ދުނިޔޭގައި ކޮވިޑްގެ ހާލަތަށް އަދިވެސް އެއްވެސް ބަދަލެއް އައިސްފައިވާކަމަށް އެގައުމަށް ގަބޫލުނުކުރެވޭތީވެ، އެގައުމުގެ އެތްލީޓުން ވައިރަސް އިން ރައްކާތެރިކުރުމުގެ ގޮތުންކަމަށް އެގައުމުން ހާމަކޮށްފައިވެއެވެ.

މިއާއެކު ނޯތު ކޮރެއާ ވެގެންގޮސްފައިވަނީ އޮލިމްޕިކްސް ގައި ވާދަނުކުރަން ނިންމި ބޮޑު، ފުރަތަމަ ގައުމަށެވެ. 2020 ވަނަ އަހަރު ބޭއްވުމަށް ތާވަލުކުރެވުނު މި އިވެންޓް މިއަހަރަށް ފަސްކުރެވުނީވެސް ޕެންޑަމިކްގެ ސަބަބުންނެވެ.

ނޯތު ކޮރެއާގެ މި ނިންމުމާއެކު ދެ ކޮރެއާގެ ދެމެދުގައި ގުޅުން ބަދަހިކުރުމަށް، ގޭމްސް މެދުވެރިކޮށް ކުރިއަށް ގެންދަންހުރި ބައެއް ކަންކަމަށް ހުރަސްއެޅުނު އިރު، ބޭރުގެ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި މިފަހަރުގެ އޮލިމްޕިކްސް ވެގެންދާނީ، ދެ ކޮރެއާގެ ބަލިކަށިވެފައިވާ ގުޅުން ހަރުދަނާކުރުމަށް މެދުވެރިއެއްގެ ރޯލު ކުޅޭ އިވެންޓަކަށެވެ.

ނޯތު ކޮރެއާ އަކީ ކޮވިޑުން ރައްކާތެރިވުމަށް އެންމެ ހަރުކަށި ފިޔަވަޅުތަކެއް އެޅި ގައުމެވެ. އެގޮތުން ޖެނުއަރީ މަހުން ފެށިގެން އެގައުމުގެ ބޯޑަރުތައް ބަންދުކޮށްފައިވާއިރު، އެތައް ސަތޭކަ ބިދޭސީންނެއްވެސް އެގައުމުގެ ވެރިރަށުގައި ކަރަންޓީނު ކޮށްފައިވެއެވެ. އަދި ފާއިތުވީ އަހަރުގެ ކުރީކޮޅުން ފެށިގެން ރެއިލު ދަތުރުތަކާއި ގިނަ އަދަދެއްގެ ބައިނަލްއަގްވާމީ ޕެސެންޖާ ފްލައިޓު ތަކެއްވެސް އެގައުމަށް އެތެރެވުން އަދި ގައުމުން ބޭރަށްދިޔުންވެސް ވަނީ މަނާކޮށްފައެވެ.