ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން ގެނައުމަށް ވިސްނިފައިވާ އެންމެ ބޮޑު ބަދަލަކީ ފުލުހުންގެ ޚިދުމަތް ލާމަރުކަޒީކޮށް ފޯރުކޮށްދިނުމުގެ ވިސްނުންކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އއ.ތޮއްޑޫ ޕޮލިސް ޕޯސްޓް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިފަލްސަފާގެ ތެރެއިން ޚިދުމަތް ފެށިގެން މިދަނީ ކޮންމެ ރައްޔިތަކަށްމެ, އެރައްޔިތަކު ހުރިތަނަކުން, ކޮންމެ ވިޔަފާރިއަކަށް އެވިޔަފާރިއެއް ހުރި ހިސާބަކުން, ކޮންމެ ދަނޑަކަށް އެދަނޑެއް އޮތް ބިމަކުން ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ.
ރައްޔިތުންނާއި, ރައްޔިތުންގެ މުދަލަށް ރައްކާތެރިކަން ފޯރުކޮށްދިނުން ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވުމުގެ ނަތީޖާއަކަށްވަނީ ޚާއްސަކޮށް މިސަރުކާރުން އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް ބޮޑަތި މަސައްކަތްތަކެއްކޮށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިއީ އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އިސްކަންދެއްވާ މިންވަރު ހާމަކޮށްދޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިމަޝްރޫއު ނިމިގެންދާއިރު ރައްޔިތުންނަށް އެރައްޔިތަކު ހުރި ރަށަކުން, ޚިދުމަތް ކަށަވަރުވެގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ތޮއްޑޫއަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ ގެސްޓްހައުސްގެ ވިޔަފާރީގެ ޚިދުމަތް ފުޅާދާއިރާއެއްގައި ދޭ ރަށަކަށްވެފައި, ދަނޑުވެރިކަމުގެ މައި ރަށަކަށްވާއިރު ތޮއްޑޫގެ ދަނޑުވެރިކަމަށާއި, ޓޫރިޒަމްގެ ޚިދުމަތަށް އަމާންކަމާއި, ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރާއި, ޚާއްސަކޮށް ފުލުހުންގެ މުއައްސަސާގެ މައްޗަށް އޮތް ވަރަށް ބޮޑު ޒިންމާއެއް ކަމަށެވެ.
އެޒިންމާ ފުރިހަމަކުރުމަށް ކައުންސިލާ މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރެއްވި މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ.