މައްކާގައި ހުންނަ މަސްޖިދުލް ޙަރަމް އާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީއަށް މި ރަމަޟާންމަހުގެ ތެރޭގައި ޒިޔާރަތްކޮށް، އުމްރާގެ އަޅުކަން ފުރިހަމަ ކުރުމުގެ ފުރުސަތު ތިން ކެޓެގަރީއެއްގައި ހިމެނޭ މީހުންނަށް ދިނުމަށް ސައުދީ ސަރުކާރުން ނިންމައިފިއެވެ.

ސައުދީ ސަރުކާރުގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުމްރާގެ އަޅުކަމަށް ފުރުސަތު ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އުމްރާގެ އަޅުކަމަށް، މާތްވެގެންވާ ދެޙަރަމަށް ޒިޔާރަތް ކުރެވޭނީ ކޮވިޑް-19 ބަލިން "ދިފާއުވެފައިވާ" މީހުންނަށް ކަމަށް ކަނޑައަޅާފައި ވެއެވެ.

އެގޮތުން، އުމްރާގެ އަޅުކަމަށް ކަނޑައަޅާފައިވާ 3 ކެޓެގަރީގައި ހިމެނޭ މީހުންނަކީ، ކޮވިޑް ވެކްސިންގެ ދެޑޯޒް ޖަހާފައިވާ މީހުންނާއި، ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި 14 ދުވަސްވެފައިވާ މީހުންގެ ތެރެއިން ކޮވިޑްބަލި ޖެހި، ބަލިން ފަސޭހަވެފައިވާ މީހުންނެވެ.

ސައުދީ ސަރުކާރުގެ މި ނިންމުމާ ގުޅިގެން މަސްޖިދުލް ޙަރަމްގައި އުމްރާގެ އަޅުކަމަށް ރަމަޟާންމަހުގެ ތެރޭގައި ޒިޔާރަތްކުރާ މީހުންނަށް ޚިދުމަތް ދިނުމުގެ ގާބިލްކަން ވަރަށް ބޮޑަށް އިތުރު ކުރެވޭނޭ ކަމަށް ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެއެވެ.

ކޮވިޑް ވެކްސިންގެ ދެޑޯޒް ޖަހާފައިވާ މީހުންނާއި، ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި 14 ދުވަސްވެފައިވާ މީހުންގެ ތެރެއިން ކޮވިޑްބަލި ޖެހި، ބަލިން ފަސޭހަވެފައިވާ މީހުންނަށް ރަމަޟާންމަހުގެ ތެރޭގައި އުމްރާގެ އަޅުކަމަށް ދެވޭގޮތަށް ސައުދީ ސަރުކާރުން ހަމަޖެއްސި ނަމަވެސް، ރަމަޟާންމަހުގެ ފަހުން މި އުސޫލު ދެމިއޮންނާނެ ކަމެއް ނުވަތަ ނޫންކަމެއް ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައެއް ނުވެއެވެ.