ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގަ ޖުމްހޫރީ ޕާޓީއަކީ މުހިންމު ދައުރެއް އަދާކުރި ފާޓީއެއްކަމުން އަންނަ ކައުންސިލް އިންތިޚާބުގެ ވޯޓު ރައްޔިތުން އެ ޕާޓީއަށް ދިނުމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކައުންސިލް މެމްބަރު އަހްމަދު ސައުދު އެދިވަޑައިގެންފިއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް މިކަމަށް އެދިވަޑައިގަތީ ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވިލިމާލޭ ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވާދަ ކުރައްވާ ފާތިމަތު ނިޒްމާއަށް ތާއީދު ހޯއްދެވުމަށް ވިލިމާލޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ފާއިތުވެދިޔަ ތަނުގަ އެހެން ޕާޓީތަކަށް ރައްޔިތުން ފުރުސަތުދީފައިވާ ކަމަށާއި އެހެންކަމުން އަންނަ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާއްދަކުރައްވާ ކެންޑިޑޭޓުންނަށް ފުރުސަތުދީގެން އެ ކެންޑިޑޭޓުން ކުރައްވާނެ ކަންތައްތަކުގެ ތަޖުރިބާ ރައްޔިތުން ކުރަންޖެހޭ ކަމަށެވެ.

ޖުމްހޫރީ ޕާޓީއަކީ ދިގު މާޒީއެއް އޮތް ޕާޓީއެއްކަން ފާހަގަކުރައްވާ ސައުދު ވިދާޅުވީ ޑިމޮކްރަސީ ގެނައުމަށްޓަަކައި އެންމެ އިސްކޮށް މަސައްކަތް ކުރި ޕާޓީ ކަމަށެވެ.

އެހެންކަމުން ތިބޭފުޅުން އެބަޖެހޭ ޕާޓީއަށް ފުުރުސަތުދިނުމަށްޓަކައި ވީހާވެސް ބޮޑަކަށް އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ވޯޓުދީގެންވެސް އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް ކާމިޔާބުކޮށްދިނުމަށް. އެގޮތުން ނިޒްމާއަކީ ވިލިމާލެއަށް އެންމެ އެކަށޭނަ ކެންޑިޑޭޓު."
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކައުންސިލް މެމްބަރު އަހްމަދު ސައުދު

ސައުދު ވަނީ ނިޒްމާއަކީ ފާހަގަކުރެވޭ ވަރުގެ ހަރަކާތްތެރި ބޭފުޅެއް ކަމަށާއި ކައުންސިލް އިންތިޚާބުގައި އެންމެން ގުޅިގެން އޭނާ ހޮވައިދިނުމަށް އެދިވަޑައިގެންފައެވެ.

ރޭގެ ކެމްޕެއިން ޖަލްސާގައި ޓްރާންސް ޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ އާއި އެ ޕާޓީގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.