ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފްވެސް ތާއީދު ކުރައްވައިފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމަށް ހުށައަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި އެއް މަސައްކަތެއް ކުރާ އެއް އިދާރާއަށްވުރެ ގިނަ އިދާރާތަކެއް ހުރުމުން އެއް މަސައްކަތެއް ދެ ފަހަަރަށްކުރަންޖެހި، ޒިންމާވާންޖެހޭ ފަރާތެއްނޭގި ބޮޑެތި މައްސަލަތައް ދިމާވާ ކަމަށެވެ.
ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރުގެ އިތުބާރުނެތް ކަމުގެ ވޯޓަށް އިޝާރާތްކުރައްވާ މެމްބަރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ޒިންމާވާންޖެހޭނެ ކަމަށް ގާނޫނު ބުނަނީ އެމަސްއޫލިއްތަކާއި ހަވާލުވެ ހުންނެވި ވަޒީރު ކަމަށާއި އެހެންކަމުން މަސައްކަތްތައް ޑުޕްލިކޭޓްނުވެ އުފެއްދުންތެރިކަން ގާއިމްކުރަންޖެހޭ ކަމަށެވެ.
އައު ސަރުކާރާއެކު ޓްރާންސްޕޯޓް މިނިސްޓްރީގައި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ގޮތުގައި ތިބީ 3 މުވައްޒަފުންކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ، އެކަމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި އެކަމަށް ހައްލެއް އަންނަންޖެހޭ ކަމަށެވެ.
ސަރުކާރުން ކައިރި މުސްތަގުބަލެއްގައި ބައިނަލްއަގްވާމީ ލައިސެންސް ދޫކުރުމުގެ މުއާހަދާގައި ސޮއިކުރައްވާނެ ކަމަށާއި މިފަދަ ކަންކަން މިހެން ވަމުންދާއިރު، ރައްޔިތުންނަށް ފަހި ލުއި ފަސޭހަތަކެއް ހޯއްދެވިއިރުގަ ލައިސެންސް، ގަރާޖު ހޯދުމުގައިވެސް އިންސާފާއި ހަމަހަމަކަމާއެކު ކަންތައް ކުރެވޭނެ ގޮތަކަށް އެކަން ކުރެވެންވާނެ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ރާޢްޖެ ބެހިފަ އޮތް ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭ ތަނެއް ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.