"މީމު އެއަރޕޯޓް" އެޅުމުގެ އަމަލީ މަސައްކަތް ފެށައިފިއެވެ.

މިކަމަށްޓަކައި މުލީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "މީމު އެއާޕޯޓް"ގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެވެ.

މ.މުލީގައި ތަރައްގީކުރާ "މީމު އެއަރޕޯޓް" ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ 28ވަނަ ދުވަހުއެވެ.

މީމު އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމް ވިދާޅުވީ މުލީ އެއަރޕޯޓްގެ މަސައްކަތަކީ އަތޮޅުގެ ރައްޔިތުންނަށް ހަމައެކަނި ކުރަހައިދިން ކުރެހުމެއް ނޫންކަމަށާ މިކަމުގެ ޢަމަލީ މަސައްކަތް ފަށާއިރު، ޕްރޮޖެކްޓްގެ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރުގައި އެއަރޕޯޓްގެ ޚިދުމަތް ރައްޔިތުންނަށް ދެވޭވަރަށް މަސައްކަތް ނިންމާނެކަމުގެ ފުރިހަމަ ޔަގީންކަން އާޒިމްވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

މިރަސްމިއްޔާތުގައި މުލީ ކައުންސިލްގެ ރައީސް އަހްމަދު ޝާތިރު ވިދާޅުވީ ދަތުރުފަތުރުގެ އިންތިޒާމުތައް ހުރި ގޮތުން ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމާއި، އިގްތިސޯދީ މަސައްކަތްތައް ކުރުމަށާއި، ވަޒީފާގެ ފުރުސަތުތައް ހޯދުމުގައި ވެސް ދަތިތައް ހުރި ކަމުގައި ވިދާޅުވި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭ އަކާއި އޭޕްރަންއެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

221.7 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ އެއް އަހަރު ދުވަހުގެތެރޭ މަސައްކަތް ނިންމާ ގޮތަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.